ދިރާގަށް އާމްދަނީގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 730 މިލިޔަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދިރާގަށް އާމްދަނީގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 730 މިލިޔަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ ކުއާޓަރލީ ރިޕޯޓުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު އިތުރު އަދަދެއްކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ހާމަވެއެވެ.

ދިރާގުން އާމްދަނީ ހޯދަނީ މައިގަނޑު ދެ ދާއިރާއަކުންނެވެ. އެއީ މޯބައިލް ޚިދުމަތްތަކާއި، ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓް އަދި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ. ދިރާގުން އާއްމުކޮށްފައިވާ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މޯބައިލް ޚިދުމަތްތައް ފޯރުކޮށްދީގެން އެކުންފުންޏަށް ވަނީ 405 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މޯބައިލް ޚިދުމަތްތަކުން ލިބިފައިވަނީ 397 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 2 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް، މޯބައިލް ޚިދުމަތްތަކުން ލިބުނު އާމްދަނީ އިތުރުވި ނަމަވެސް ފިކްސް ބްރޯޑްބޭންޑު ޚިދުމަތުން ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ.

ދިރާގުގެ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފިކްސްޑު ބްރޯޑްބޭންޑު ޚިދުމަތްތަކުން ލިބިފައިވަނީ 303 މިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި މި ދާއިރާއިން ލިބުނު 310 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 2.4 އިންސައްތައިގެ ދަށްވުމެކެވެ.

މާލީ ރިޕޯޓުގައިވާ ގޮތުން ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 256 މިލިޔަން ރުފިޔާއެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ލިބުނު 295 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެއްކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން