ކުރިއަށް އޮތް ހަތަރު މަސްދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އާންމުކޮށް ވާރޭވެހޭ ވަރަށްވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މައުލޫމާތުތަކުގައިވާ ގޮތުން، ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވާރޭވެހޭ މިންވަރު އިތުރުވުމުގެ ފުރުސަތު ބޮޑެވެ. މިއީ އާންމުކޮށް މި ދުވަސްވަރު ވާރޭވެހޭ މިންވަރާ އަޅާބަލާއިރު އިތުރު އަދަދެއްކަން އެ އިދާރާއިން ފާހަގަކުރައްވައެވެ.
ވާރޭވެހުމުގެ އިތުރުން، ކުރިއަށް އޮތް މަސްތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ފިނިހޫނުމިނަށްވެސް ބަދަލުތަކެއް އަންނާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެގޮތުން "އެ މަސްތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެވެސް ފިނިހޫނުމިން އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް ބެލެވޭ" ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން މޫސުމަށް ސަމާލުވުމަށާއި، ކަނޑުދަތުރުފަތުރު ކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިރުޝާދު ދެއްވަމުން ގެންދަވައެވެ.