މާލޭގައި 1 އަހަރަށްވުރެ ކުރު މުއްދަތެއްގައި ރަށްވެހިވެފައިވާ ފަރާތްތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ލިބިދޭ ގޮތަށް ފޯމަށް ބަދަލު ގެނެސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
މާލޭގައި 1 އަހަރަށްވުރެ ކުރު މުއްދަތެއްގައި ރަށްވެހިވެފައިވާ ފަރާތްތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ލިބިދޭ ގޮތަށް ފޯމަށް ބަދަލު ގެނެސްފި

މާލޭގައި ރަށްވެހިވެފައިވާތާ އެއް އަހަރު ދުވަސް ހަމަނުވި ނަމަވެސް، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލުމުގެ ފުރުސަތު ލިބިދޭ ގޮތަށް އެޕްލިކޭޝަން ފޯމަށް ބަދަލު ގެނެސްފައިވާ ކަމަށް ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.

މީގެ ކުރިން އޮތް އުސޫލުގެ ދަށުން މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކުގެ ތެރެއިން ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނީ ރަށްވެހިކަން މާލެއަށް ބަދަލުކޮށްފައިވާތާ މަދުވެގެން އެއް އަހަރުވެފައިވާ ފަރާތްތަކަށެވެ. ނަމަވެސް، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު ވަނީ މި އުސޫލަށް ބަދަލު ގެނެސް، މާލެއަށް ރަށްވެހިކަން ބަދަލުކުރިތާ އަހަރު ނުވިނަމަވެސް މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކަށް އެ ކެޓަގަރީގެ ޝަރުތު ފުރިހަމަވާނަމަ އެޕްލައި ކުރެވޭނެހެން ފޯމަށް ބަދަލު ގެނެސްފައެވެ.

މި ބަދަލާ ގުޅޭގޮތުން އެ ވުޒާރާއިން އާންމުކުރި އިޢުލާނެއްގައި ބުނެފައިވަނީ، "މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތެއް" ކަން އެނގޭނެ ރަސްމީ ލިޔެކިިޔުމުގެ އިތުރުން މާލޭގައި ރަށްވެހިވީ ތާރީޚު އަންގައިދޭ ލިޔުމެއްވެސް ފޯމާއެކު ހުށައަޅަން ޖެހޭނެ ކަމަށެވެ.

މި ނިންމުމަކީ މާލޭގައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅެމުންދާ، ނަމަވެސް ރަށްވެހިކަން ބަދަލުކުރިތާ ކުރު މުއްދަތެއް ވެފައިވާ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށް ބެލެވެއެވެ. މި ބަދަލާއެކު އިތުރު ފަރާތްތަކަކަށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން