ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސްރީލަންކާއަށް ވަޑައިގަތުމުން އެޤައުމުން އެ މަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތުމުން އެ ޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުން ވަނީ މަރުޙަބާ ދަންނަވާފައެވެ.
މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެއެވެ. މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމެވެ.
މި ދަތުރުފުޅުގައި މަޝްވަރާ ކުރެވޭނެ މުހިންމު ދާއިރާތަކުގެ ތެރޭގައި ތައުލީމާއި، ފަންނީ ތަމްރީނާއި، އިގްތިސާދީ އެއްބާރުލުން ހިމެނެއެވެ. މީގެ އިތުރުން ހިންގުމުގެ ދާއިރާގެ ކުރިއެރުމާއި، ސަގާފީ ތަރިކަ ރައްކާތެރިކުރުމާއި، ބައިނަލްއަޤުވާމީ މައިދާންތަކުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވޭނެ އައު މަގުތައް ހޯދުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއަކީ ޒަމާނުއްސުރެ ގާތް ރަހުމަތްތެރި ގުޅުމެއް ބާއްވަމުން އަންނަ ދެ ޤައުމެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އައު އުސްމިންތަކަކަށް ވާސިލުވެގެންދާނެ ކަމަށް ބެލެވެއެވެ.