"ފޭލި" ޖަމިއްޔާއިން ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ވޮކޭޝަނަލް އެޑިއުކޭޝަން ލެބް ތަރައްގީކޮށް، ޑިޖިޓަލް ސްޓޫޑިއޯއެއް ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
"ފޭލި" ޖަމިއްޔާއިން ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ވޮކޭޝަނަލް އެޑިއުކޭޝަން ލެބް ތަރައްގީކޮށް، ޑިޖިޓަލް ސްޓޫޑިއޯއެއް ހުޅުވައިފި

2025 ވަނަ އަހަރު ބޭންކް ފަންޑް ކާމިޔާބުކުރި ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) އިން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވޮކޭޝަނަލް ޓްރެއިނިންގ ލެބް އިތުރަށް ތަރައްގީކޮށް، ޑިޖިޓަލް ސްޓޫޑިއޯއެއް ގާއިމުކޮށްފިއެވެ.

މި ދެ ކްލާސްރޫމް ފަރުމާކޮށްފައިވަނީ ދަރިވަރުންގެ ޕްރެކްޓިކަލް ސްކިލްސް އާއި އުފެއްދުންތެރިކަން ކުރިއަރުވައި، ޒަމާނީ ވަސީލަތްތަކާއެކު ޓްރެއިނިންގ ފޯރުކޮށްދީ ދަރިވަރުންގެ މަސައްކަތްތެރިކަން ހަރުދަނާ ކުރުމަށް އެންމެ އެކަށީގެންވާ ގޮތަށެވެ.

މި ސްކޫލުގައި ގާއިމުކުރި ޑިޖިޓަލް ސްޓޫޑިއޯ ފަރުމާކޮށްފައިވަނީ ޑިޖިޓަލް ކެމެރާތަކާއެކު ފުރިހަމަ ޕްރޮޑަކްޝަން ސެޓަޕެއްގެ ގޮތުގައެވެ. މި ސްޓޫޑިއޯގައި ސްކޫލުގެ ދަރިވަރުންނަށް ފޮޓޯގްރަފީ، ވީޑިއޯގްރަފީ އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންއާ ގުޅޭ ޓްރެއިނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ފޭލި ޖަމިއްޔާއިން ވަނީ މި ސްކޫލުގައި ކުރިން ހިންގަމުން ދިޔަ ވޮކޭޝަނަލް ޓްރެއިނިންގ ލެބް އިތުރަށް ތަރައްގީ ކޮށްދީފައެވެ. އެގޮތުން މި ތަނުގައި ކާޕެންޓްރީ ބައެއް ހިމަނައި، މިތަން ފަރުމާކޮށްފައިވަނީ ބޭނުންވާ ވަޑާން ސާމާނާއި ބެޓެރީ ޕަވާޑް އިލެކްޓްރިކް  ޓޫލްތަކާއި ސަލާމަތީ އިކުއިޕްމެންޓްވެސް ހިމަނައިގެންނެވެ. މި ލެބްގައި ފެހުމުގެ ބައެއް ތަރައްގީކޮށް، މިތަން ފަރުމާކޮށްފައި ވަނީ ފަހާފޮށިތަކާއި ފެހުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީގެންނެވެ.

ވޮކޭޝަނަލް ލެބްގެ ހަރަކާތްތަކަށް ދަރިވަރުންނަށް ބޭނުންވާ ޓްރެއިނިންގ ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓަރކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަޔްތަކަށް މުޖުތަމަޢުގެ ކުރއެރުމަށް އެކިއެކި ޕްރޮޖެކްޓްތައް ހިންގުމަށް ކޮންމެ އަހަރަކު ހުޅުވާލާ ގްރާންޓެކެވެ. މި ގްރާންޓުން ހޮވޭ 5 ޖަމިއްޔާއަކަށް ޕްރޮޖެކްޓްތައް ހިންގުމަށް 200،000 ރުފިޔާގެ އެހީ ބޭންކުން ފޯރުކޮށްދެއެވެ.

 

މިއަދު އޮންލައިން