ސަލްޓަންޕާކު މަރާމާތުކުރުމަށްޓަކައި ކޮންމެ ދުވަހަކު އިރުއޮއްސި 18:00 އިން ފެށިގެން އެ ޕާކު ބަންދުވާނެކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވީ، ސަލްޓަންޕާކު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރުމަށްޓަކައި، މިއަދުން ފެށިގެން ކޮންމެ ދުވަހަކު އިރުއޮއްސި 18:00 އިން ފެށިގެން އެ ސަރަޙައްދު އާންމުންނަށް ވަގުތީގޮތުން ބަންދުވާނެ ކަމަށެވެ. މި މަރާމާތަކީ ޕާކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
މި ނިންމުމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ވަނީ ނިހާޔަތަށް މަޢާފަށް އެދިފައެވެ. ޕާކު ބަންދުކުރަން ނިންމާފައިވަނީ މަރާމާތުގެ މަސައްކަތްތައް އަވަހަށް ނިންމައި، އާންމުންނަށް ރައްކާތެރިކަމާއެކު ޕާކު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.
މާލެ ސަރަޙައްދުގައި އާއިލާތަކުން ކުޑަކުދިން ގޮވައިގެން ހިތްހަމަޖައްސާލަން ދާން އޮންނަ މަދު ސަރަޙައްދުތަކުގެ ތެރޭގައި ސަލްޓަން ޕާކު ހިމެނެއެވެ. މިއީ ކުޑަކުދިންގެ މެދުގައި ވަރަށް މަޤްބޫލު ތަނަކަށްވާއިރު، ޕާކަށް ގެނެވޭ ބަދަލުތަކާއެކު އާންމުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.