އަޅުގަނޑުމެންގެ ކައިވެންޏަށް އަހަރުވީންސުރެ ފިރިމީހާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދަރިއަކު ލިބުން ލަސްވާކަމެވެ. އެކަމަށް އެދި ދުޢާކުރަމުން ދަނިކޮށް ބަލިވެއިނީ ކައިވެންޏަށް 3 ވަނަ އަހަރުއެވެ.
ބަލިވެއިނދެ ބަނޑަށް ތިންމަހުގައި ވަރުބަލިވާތީ އެޑްމިޓްކުރިއެވެ. ޑޮކްޓަރުން ބުނީ ބަލިވެއިނީ އެއްމާބަނޑު ދެކުދިންނަށް ކަމަށެވެ. އެކަން އެނގުމާއިއެކު ފިރިމީހާ ކަްނބޮޑުވެއްޖެއެވެ. ބުނީ އެއްފަހަރާ 2 ކުދިން ލިބިގެން ކުރަންޖެހޭ ޚަރަދުތައް ނުކުރެވޭނެ ކަމަށެވެ. އެހެންވީމާ އެބޯޝަން ހަދަންވީ ކަމަށެވެ. އެކަމަށް ދެކޮޅު ހެދީމާ ކަންކަން އަމިއްލައަށް ކުރިއަށް ގެންދަން ބުނެފައި ނުކުމެގެންދިއަގޮތަށް އޮބައިލީއެވެ. ޙާލުބަލައިލަންވެސް ނައުދެއެވެ.
އެކަނި އޮންނަތާ ދެދުވަސްފަހުން ދޫކޮށްލުމުން ބަލައި އަންނަން ގުޅުމުން ފޯނެއް ނުނެގިއެވެ. މެސެޖްކުރުމުން ޖަވާބެއް ނުދިނެވެ. ކައިވެނިކުރީ މައިންބަފައިންނާއި ދެކޮޅަށްކަމަށްވުމުން އެމީހުންނަށް ގުޅަން ނުކެރިފައި އޮވެވުނެވެ.
އެހެން އޮއްވައި ނަރުސްކުދިން އައިސްބުނީ އަވަހަށް ޑިސްޗާޖްވުމަށެވެ. އެނދުނުލިބިގެން ވޯޑަށް ނުގެނެވި ބަލިމީހުން އެބަތިބި ކަމަށެވެ. އަޅުގަނޑު ޖަވާބެއް ނުދެމެވެ. އެކުދިން އެނބުރިދިއުމާއިއެކު ގިސްލައި ރޮވުނެވެ. އަޅުގަނޑަކީ ދަމުނަމާދުކޮށް ޛިކުރުކުރާ އަންހެނަކަށްވުމުން ހިތްވަރު އެލިގެނެއް ނުދެއެވެ. ކޮންމެވެސް މަގެއް ދައްކަވާނެކަން ޔަޤީންކުރީމެވެ. އެހެންވެ އެވަޤުތުވެސް ކަރުނައަޅައި ދުޢާކުރީމެވެ.
އެވަޤުތު މަދުޢުމުރުގެ އަންހެނަކު އައިސް ހިތްހަމަޖައްސައިދޭން މަސައްކަތްކުރަމުން ސުވާލުތައްކުރަންފެށީމާ ވެގެންއުޅޭގޮތް ކިޔައިދިނީމެވެ. އޭނާ ބުނީ އެއްވެސް ވަރަކަށް ކަންބޮޑުނުވުމަށެވެ. ހުރިހާ ކަމެއް މިހަމަޖައްސަނީ ކަމަށެވެ. އެހެން ބުނެފައި ގޮސް ބިލްދައްކާފައި އައިސް ބުނީ އޭނައާއިއެކު ދިއުމަށެވެ.
ހެދޭނެ އެހެންގޮތެއް ނެތުމުން އޭނާއާއިއެކު ދިއައީއެވެ. އެއީ ވަރަށް ހެޔޮލަފާ ދެމަފިރިންނެވެ. އޭނާގެ ފިރިމީހާ އެތައް މަސައްކަތަކުން ފިރިމިހާއާއި ބައްދަލުކޮށް ވާހަކަދެއްކުމުން އަނގައިންވެސް ނުބުނިމާ އެނބުރިއައީއެވެ. އެހިސާބުން ފިރިމީހާ އަހުރެން ދޫކޮށްލައިފިކަން ޔަޤީންކުރެވުނެވެ.
އެއިގެ މަހެއްހާދުވަސްފަހުން ފިރިމީހާ މެސެޖްކުރީ ވަރީގެ ސެޓްފިކެޓެވެ. އެކަމަކަށް ކަންބޮޑެއް ނުވަމެވެ. އުންމީދުކަނޑާނުލައި ދުޢާކުރަމުން ދިއައީ މާތް ﷲ ގެ ހެޔޮ ރަޙްމަތަށެވެ.
ކުރުކޮށްލާނަމެވެ. ދުވަސްފުރައި ވިހައިގަދަވިތަނުން އެދެމަފިރިންގެ ދޮށީދަރިފުޅުގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ގެއަށްއައިސް އުޅޭ ޒުވާނަކު އަޅުގަނޑުގެ ކައިވެންޏަށް އެދުމުން ކައިވެނިކުރީއެވެ. އެގޭގެ ދެމަފިރިން އެކަންކުރަން ބުނުމުންނެވެ. އޭނާ އަޅުގަނޑު ބަލައިގަތީ 2 ދަރިންނާއިއެކުގައި އަލަށެވެ.
އޭނާއަކީ ކާކުކަން ރަނގަޅަށް އެނގުނީވެސް ކައިވެނިކޮށްގެން އޭނާގެ ފްލެޓަށް ގެންދިއުމުންނެވެ. އެއީ ބުރަކޮށް މަސައްކަތްކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދާ ޒުވާނެކެވެ. ވަރަށް ހިތްހެޔޮ، ބަސްމަދު، މަޑުމައިތިރި ޒުވާނެކެވެ. ވަރަށް ތަޤްވާވެރިވެސް ޒުވާނެކެވެ. އޭނާ ބުނީ އަޅުގަނޑާއި ކައިވެނިކުރީ ނިކަމެތި 2 ކުދިން ބަލައިބޮޑުކުރުމުގެ ބޭނުމުގައި ކަމަށެވެ.
ދެވަަނ ކައިވެންޏަށް މިހާރު 7 އަހަރެވެ. އިތުރު 2 ދަރިންވެސް ލިބިއްޖެއެވެ. ފިރިމީހާޢަކީ މިހާރު ތަނަވަސް ޒުވާނެކެވެ. ދިރިއުޅެމުން މިދަނީ ވަރަށް އުފަލުގައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުމީ ރޭއަޅުކަންކުރަންފަށަންވީ ކަމަކަށް ބޭނުންވުމަކުން ނޫނެވެ. އަދި ޢުމުރުން ދުވަސްވުމަކުންވެސް ނޫނެވެ. ގައިގައި ވަރުހުއްޓައެވެ. ވަކިކަމަކަށް ބޭނުންވުމުގެ ކުރިންނެވެ. އެއިރުން އެމީހަކަށް ޖެހޭ ކަންކަން ޙައްލުކުރެވޭނެ މަގެއް ދައްކަވާނެއެވެ. އިން ޝާ ﷲ
- ޒައިނަބް / މިއަދުނޫހުގެ ކިޔުންތެރިއެއް