މާލޭގެ މަގުތަކުގެ ޑިޒައިންގެ މަސައްކަތް ހަވާލުކުރި ފަރާތުން މި މަހުގެ ތެރޭގައި ރާއްޖެ އަންނާނެކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ލަސްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި މާލޭގެ މަގުތަކުގެ މަޝްރޫޢު މިހާރު އޮތީ ޑިޒައިނިންގެ މަރުހަލާގައެވެ. އެ މަސައްކަތް ޗައިނާ ސަރުކާރުން ހަވާލުކުރި ފަރާތުން މި މަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށާއި، އެ މަސައްކަތް ނިމުމުން މަޝްރޫޢުގެ ކޮންޓްރެކްޓަރު ހޮވުމަށް ޗައިނާ ސަރުކާރުން ޓެންޑަރ ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ކޮންޓްރެކްޓަރާ މަސައްކަތް ހަވާލުކުރެވުމުން އަމަލީ މަސައްކަތް ފެށިގެންދާނެއެވެ.
މަޝްރޫޢު ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "ހިލޭ އެހީދޭ ކަމުގައިވާނަމަ އެއީ އެ ޤައުމުގެ ޓެކްސްޕޭޔަރސްގެ ފައިސާ. އެ ފައިސާ ޚަރަދުކުރާނީ އެ ޤައުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން. އެހެންމަ އަޅުގަނޑުމެން ހިލޭ އެހީ ބޭނުންވާ ކަމުގައިވާނަމަ އަޅުގަނޑުމެން އެކަން ފޮލޯކުރަންޖެހޭނެ،" ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ އެއްވެސް ހާލެއްގައި ޗައިނާ ސަރުކާރުންވެސް އަދި ދިވެހި ސަރުކާރުންވެސް މި މަޝްރޫޢު ލަސްކުރުމަށްޓަކައި ނުވަތަ ކުރިއަށް ނުގެންދިއުމަށްޓަކައި އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އަދި މި މަޝްރޫޢު ކުރިއަށްގެންދިއުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
މާލޭގެ މަގުތައް ހެދުމަށް ފީސިބިލިޓީ ސްޓަޑީ ހަދަން ރާއްޖެއަށް އައި ޗައިނާގެ ޓީމުން، މަގުތަކުގައި ފެންބޮޑުވާތީ އެކަން ސާވޭކޮށް ޑިޒައިން ހެދުމަށް އަންގާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މި މަޝްރޫޢު ދެބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، އެހެނިހެން މަގުތަކުގެ ޑިޒައިނިންގެ މަސައްކަތާއެކު މަޖީދީ މަގުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.