ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ވެފައިވާ އެއްބަސްވުންތައް ހަގީގަތަކަށް ހަދައި އޭގެ ފާއިދާ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ލަންކާގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިއްވެވި ދެޤައުމުގެ ގުޅިފައިވާ ބަޔާނުގައެވެ.
މި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންކާއަށް ވަޑައިގެންނެވުމުން އެ ޤައުމުން އެމަނިކުފާނުގެ ދެ ކަނބަލުންނާއި ރާއްޖޭގެ ވަފުދަށް އަދާކުރެއްވި ހޫނު މެހެމާންދާރީއަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. ރައީސް ވިދާޅުވީ މި ދަތުރުފުޅުގެ ތެރެއިން ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔެކައާއެކު ދޭދޭ ޤައުމުގެ ކަންކަމާއި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުހިންމު މައުޟޫއުތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.
ރާއްޖެއާއި ލަންކާއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މީގެ ސަބަބުން ތަޢުލީމާއި ތަމްރީނު، އަރުޝީފުކުރުން، ސިއްޙަތު، ދިފާޢީ ދާއިރާ، ޒުވާނުން ބާރުވެރިކުރުވުން އަދި ކުޅިވަރު ތަރައްގީ ކުރުމުގެ ދާއިރާއިން ދެ ޤައުމު ގުޅިގެން އިތުރު މަސައްކަތްތައް ކުރެވޭނެ ކަމަށެވެ. އެމަނިކުފާނު ނިންމަވައިގެން ހުންނެވީ މި އެއްބަސްވުންތަކަކީ ހަމައެކަނި ލިޔުމެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި، އޭގެ ހަގީގީ މަންފާ ދެ ޤައުމުގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހެއްދެވުމަށެވެ.
ވިޔަފާރި އާއި އިޤްތިޞާދީ ކަންކަމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކަށްފަހު ރައީސް ވަނީ ރާއްޖޭގެ ތަރައްގީގައި ލަންކާއިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި އިންވެސްޓްމަންޓުތައް އިތުރު ކުރުމަށާއި އިންވެސްޓަރުންނާ ރަހުމަތްތެރި ވެއްޓެއް ގާއިމުކޮށް، ވިޔަފާރީގެ އިތުރު ފުރުސަތުތައް ހުޅުވާލުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، "މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް" އަކީ ދެ ޤައުމުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބޭނެ މުހިންމު ފުރުސަތެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.