ޔުނިވަރސަލް ޕީރިއަޑިކް ރިވިއު (ޔޫ.ޕީ.އާރު.)ގެ ވަރކިންގ ގްރޫޕުގެ 52 ވަނަ ސެޝަން 4 މޭއި 2026 ގައި ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީސް ޕެލޭ ޑި ނޭޝަންސްގައި ފަށައިފިއެވެ.
ދެ ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ސެޝަން ނިމޭނީ 15 މެއި 2026 ގައެވެ. މި މުއްދަތުގެ ތެރޭގައި އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ދަށުން ޤާއިމުކޮށްފައިފައިވާ ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕް އިން 14 ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ހާލަތު ވަޒަންކުރާނެއެވެ. އެ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ބެލްޖިއަމް، ޑެންމާކް، އެސްޓޯނިއާ، ލެޓްވިއާ، މޮޒަމްބީކް، ނެމީބިއާ، ނިޖަރ، ޕަލާއު، ޕެރަގުއޭ، ސީޝެލްސް، ސިއެރާ ލިއޯން، ސިންގަޕޫރު، ސޮލޮމަން އައިލެންޑްސް، އަދި ސޯމާލިއާއެވެ.
ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕްގެ މި ސެޝަންގައި ރާއްޖޭގެ ވަފުދުން ބައިވެރިވެ، ދިވެހި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާ އެއްގޮތަށް ރިވިއު ކުރުމަށް ހަމަޖެހިފައިވާ ޤައުމުތަކަށް ބިނާކުރަނިވި ރެކޮމެންޑޭޝަންތައް ހުށަހަޅާނެއެވެ.
ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕުން ކޮންމެ އަހަރަކު ތިން ބައްދަލުވުމެއް ބާއްވައެވެ. އެގޮތުން މިހާރު ހިނގަމުންދާ 52 ވަނަ ބައްދަލުވުމަކީ 2022 ވަނަ އަހަރުން ފެށިގެން 2027 ގެ ނިޔަލަށް ކުރިއަށްދާ ޔޫ.ޕީ.އާރު. ގެ ހަތަރުވަނަ ރިވިއު ސައިކަލްގެ ބައެކެވެ. ޔޫ.ޕީ.އާރު. އަކީ އ.ދ. ގެ މެމްބަރު ޤައުމުތަކުން އިންސާނީ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތް ދެނެގަނެ، އެކަމުން ހޯދާފައިވާ ކުރިއެރުން ވަޒަންކުރުމަށް ކަނޑައެޅިފައިވާ ނިޒާމެކެވެ. އަދި މިނިޒާމުގެ ތެރެއިން ރިވިއު ކުރެވޭ ޤައުމުތަކުން އިންސާނީ ޙައްޤުތައް ތަންފީޒުކުރުމުގައި އިތުރަށް ހަރުދަނާކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ބިނާކުރަނިވި އިސްލާޙުތައް ހުށަހެޅުމުގެ ފުރުޞަތު އެހެން މެންބަރު ޤައުމުތަކަށް ލިބިގެންދާނެއެވެ.
މި ސެޝަންގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ. އަދި މިވަފުދުގައި ކައުންސެލަރ އާދަމް ޙާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ ޢާއިޝަތު ރަޔާހީން އަދި އެޓާޝޭ މުޙައްމަދު ރާއިދު ސައީދު ބައިވެރިވެވަޑައިގަންނަވައެވެ.