ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަޤާމަށް، މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އާމިނަތު ޝިރުނާ މިއަދު އައްޔަން ކުރައްވައިފިއެވެ.
ޝިރުނާއަކީ މިހާތަނަށް ޞިއްޙީ ވުޒާރާގެ ދަށުން ހިންގަމުން އަންނަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި، ދަމަނަވެށި އަދި މޯލްޑިވްސް ބްލަޑް ސަރވިސްގެ މަސައްކަތްތައް އިސްކޮށް ބަލަހައްޓަވަމުން ގެންދެވި ބޭފުޅެކެވެ. އޭނާއަކީ ޞިއްޙީ ދާއިރާގައި ގިނަގުނަ ތަޖުރިބާތަކެއް ހާސިލްކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.
މަސައްކަތުގެ ތަޖުރިބާއަށް ބަލާއިރު، ޝިރުނާ ވަނީ 23 އަހަރުގެ ދިގު މުއްދަތަކަށް ނަރުހެއްގެ ވަޒީފާ އަދާކުރައްވާފައެވެ. އަދި އޭނާއަކީ މި ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިގެން ހުންނެވި، ތަޢުލީމީ ގޮތުންވެސް ޤާބިލް ބޭފުޅެކެވެ.
އެންސްޕާގެ ސީއީއޯގެ މަޤާމަށް އާމިނަތު ޝިރުނާ އައްޔަންކުރެއްވުމާ ގުޅިގެން، ޞިއްޙީ ވުޒާރާއިން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ. އެންސްޕާއަކީ ރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމު ބަލަހައްޓާ އެންމެ މުހިންމު އެއް އިދާރާއެވެ.