ނިމިދިޔަ އެޕްރީލް މަހުގެ ތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް (މިފްކޯ) އަށް ކިރުވި މަހަށް 78 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ޖުމްލަ 1,068 ދޯންޏަކުން ވަނީ އެ ކުންފުންޏަށް މަސް ކިރުވާފައެވެ.
މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން އެޕްރީލް މަހު ޖުމްލަ 4,414 ޓަނުގެ މަސް ކިރުވާފައިވެއެވެ. މި މަހަށް ޖުމްލަ 78,778,405 ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ. މިފްކޯއަށް ކިރުވާ މަހުގެ ބާވަތްތަކުގެ ތެރޭގައި ކަޅުބިލަމަހާއި ކަންނެލި ހިމެނެއެވެ.
ކަޅުބިލަމަހުގެ މަސްވެރިކަމަށް ބަލާއިރު، 781 ދޯންޏަކުން 4,146 ޓަނުގެ މަސް ކިރުވާފައިވެއެވެ. މީގެ އިތުރުން 10 ކިލޯއިން މަތީގެ 5.78 ޓަނުގެ ކަންނެލި 91 ދޯންޏަކުން ކިރުވާފައިވާއިރު، 15 ކިލޯއިން މަތީގެ 40 ޓަނުގެ ކަންނެލި 196 ދޯންޏަކުން ވަނީ ކިރުވާފައެވެ.
މި ބާވަތްތަކަށް ފައިސާ ދޫކޮށްފައިވާ ގޮތަށް ބަލާއިރު، ކަޅުބިލަމަހަށް 77,660,455 ރުފިޔާ، 10 ކިލޯއިން މަތީގެ ކަންނެއްޔަށް 115,600 ރުފިޔާ އަދި 15 ކިލޯއިން މަތީގެ ކަންނެއްޔަށް 1,002,350 ރުފިޔާ ވަނީ ދޫކޮށްފައެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަށް މި ދާއިރާ ހެދުމެވެ.
މަސްވެރިންނަށް ލިބެންޖެހޭ ފައިސާ އަވަހަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި މިހާރު ދަނީ ފައިސާ ދޫކުރަމުންނެވެ.