ސްރީލަންކާގެ އިޤްތިޞާދުގައި ދިވެހިރާއްޖެ އަކީ މުހިއްމު ބައިވެރިއެއްކަމަށް ލަންކާގެ ރައީސް ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 54ސ
ސްރީލަންކާގެ އިޤްތިޞާދުގައި ދިވެހިރާއްޖެ އަކީ މުހިއްމު ބައިވެރިއެއްކަމަށް ލަންކާގެ ރައީސް ވިދާޅުވެއްޖެ

ސްރީލަންކާގެ އިޤްތިޞާދުގައި ދިވެހިރާއްޖެ އަކީ މުހިއްމު ބައިވެރިއެއްކަމަށް ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ލަންކާގެ ރައީސްގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސްރީލަންކާގެ ރައީސްގެ ވާހަކަފުޅުގައި ދެ ޤައުމުގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން ވިދާޅުވީ، ރާއްޖެއާއި ލަންކާ ދެމެދު ސިޔާސީ ގުޅުން ޤާއިމްވިތާ 60 އަހަރުވީ ނަމަވެސް، ދެ ޤައުމުގެ ގުޅުމަކީ އެއަށްވުރެ މާ ޒަމާންވީ ބަދަހި ގުޅުމެއް ކަމަށެވެ. ސަޤާފީ ގޮތުންނާއި ބަހަވީ ބިންގަލެއްގެ މަތިން އުފެދިފައިވާ މި ގުޅުމަކީ ދެ ޤައުމުން ތަޞައްވުރު ކުރާ ކަންކަން ހާސިލްކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިޤްތިޞާދީ ގުޅުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޑިސަނަޔަކަ ވިދާޅުވީ، ދިވެހިރާއްޖެއަކީ ލަންކާއިން 3 ވަނައަށް އެންމެ ގިނަ މުދާ ބޭރުކުރާ ޤައުމު ކަމަށެވެ. އެހެންކަމުން ދެ ޤައުމުގެ މެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ސިންދަފާތު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި، މިއީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމުގެ ހެއްކެއް ކަމަށްވެސް ވިދާޅުވިއެވެ.

ލަންކާއަށް ދާދި ފަހުން ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި ދިވެހި ސަރުކާރާއި ރައްޔިތުން ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި ލަންކާގެ ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިއީ ދިވެހިރާއްޖެއިން ދެއްކި އަވަށްޓެރިކަމުގެ ލާމަސީލު މިސާލެއްކަން ފާހަގަކުރައްވައި، ރައީސް ޑރ. މުޢިއްޒުއަށް އެމަނިކުފާނު ވަނީ ޚާއްޞަ ޝުކުރެއް ރައްދުކުރައްވާފައެވެ.

ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ލަންކާގެ ރައީސް ވިދާޅުވީ، ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވިފައިވާ ކަމަށެވެ. ވަކިން ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ސްރީލަންކާއަކީ އަބަދުވެސް އެއްބާރުލުންދޭ ބައިވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މިއަދު އޮންލައިން