މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "އޭޝިއާ މީޑިއާ ސަމިޓް" އާ ގުޅިގެން ބާއްވާ ޕްރީ-ސަމިޓް 5 ވޯކްޝޮޕެއް މިމަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ހޯސްޓްކުރާ މި ބައިނަލްއަޤުވާމީ ސަމިޓަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ދަނީ ވަރަށް ބާރަށް ކުރިއަށެވެ.
މިމަހުގެ 11 އިން 14 އަށް ކުރިއަށްދާ މި ސަމިޓުގެ ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 11 ވަނަ ދުވަހު ބާއްވާ ޕްރީ-ސަމިޓް މަސައްކަތު ބައްދަލުވުންތަކުންނެވެ. މިގޮތުން ބާއްވާ 5 ވޯކްޝޮޕްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ މީޑިއާގެ ދާއިރާއަށް އަންނަމުންދާ ޒަމާނީ ބަދަލުތަކުގެ މައްޗަށެވެ.
މި ވޯކްޝޮޕްތަކުގައި މީޑިއާގެ ދާއިރާއާ ގުޅުންހުރި މުހިންމު ދާއިރާތަކަކުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ސްޓޯރީޓެލިންގ އަދި ނިއުސް ޕްރޮޑަކްޝަންގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލްތައް ބޭނުންކުރުމާއި، ހަލުވިކަމާއެކު ބަދަލުވަމުން އަންނަ އޭއައި ޓެކްނޮލޮޖީގެ މުހިންމުކަން ހިމެނެއެވެ. މީގެ އިތުރުން އޭއައި އަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާ ޒަމާނެއްގައި ޑިޖިޓަލް މީޑިއާގެ އިތުބާރު ދެމެހެއްޓުމާއި، މޫސުމީ ބަދަލުތަކަށް އާންމުން އަހުލުވެރިކުރުވުމުގައި މީޑިއާގެ ދައުރާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ.
މި ވޯކްޝޮޕްތަކަށްފަހު، އޭޝިއާ މީޑިއާ ސަމިޓް ރަސްމީކޮށް އިފްތިތާޙްކުރުން އޮންނާނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އިފްތިތާޙީ ރަސްމިއްޔާތަށްފަހު، ސަމިޓުގެ ޕްލިނަރީ ސެޝަންތައް 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މި ސަމިޓުގައި ބައިވެރިވާ ބޭރުގެ މަންދޫބުންނާއި ދިވެހި ބައިވެރިންނަށް ހާއްސަކޮށްގެން، މިމަހުގެ 14 ވަނަ ދުވަހު ކުޑަގިރީގައި މުރަކަ އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ރޭވިފައެވެ. މިއީ ތިމާވެށި ހިމާޔަތްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ބައިނަލްއަޤުވާމީ މުޖުތަމައަށް ދައްކާލުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
މި ސަމިޓަކީ ރާއްޖޭގެ މީޑިއާ ދާއިރާގެ ކުރިއެރުމަށާއި، ބައިނަލްއަޤުވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށް ޕީއެސްއެމް އިން ފާހަގަކުރެއެވެ.