ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ސްރީލަންކާ ސަރުކާރާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވުނު އެއްބަސްވުންތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.
ކުޅިވަރުގެ ދާއިރާގެ އެއްބަސްވުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، "ކުޅިވަރާއި ޒުވާނުންގެ ތަރައްޤީއަށްޓަކައި ސްރީލަންކާއިން މެދުކެނޑުމެއްނެތި ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަމުގެ އަގު ދިވެހި ސަރުކާރުން ވަޒަންކުރާ" ކަމަށެވެ. މީގެ އިތުރުން މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ޒުވާނުންނަށް އައު ފުރުޞަތުތަކެއް ފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމުގެ ދަށުން ކުޅިވަރުގެ ދާއިރާއިން ތަމްރީނު ފުރުޞަތުތައް އިތުރުކުރުމާއި، ދެ ޤައުމުގެ ކުޅުންތެރިންނާއި ޒުވާނުންގެ މެދުގައި ތަޖުރިބާ ބަދަލުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.