ހަކަތަ އިސްރާފުކުރުން މަދުކުރުމަކީ އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަމަށާއި އިޤްތިޞާދީ ކުރިއެރުމަށްޓަކައި ކޮންމެހެން ކުރަން މަޖުބޫރުވެފައިވާ ކަމެއް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 52ސ
ހަކަތަ އިސްރާފުކުރުން މަދުކުރުމަކީ އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަމަށާއި އިޤްތިޞާދީ ކުރިއެރުމަށްޓަކައި ކޮންމެހެން ކުރަން މަޖުބޫރުވެފައިވާ ކަމެއް: ވަޒީރު

ހަކަތަ އިސްރާފުކުރުން މަދުކުރުމަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށާއި އިޤްތިޞާދީ ކުރިއެރުމަށްޓަކައި ކޮންމެހެން ކުރަން މަޖުބޫރުވެފައިވާ ކަމެއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ހަކަތަ އިގްތިސާދު ކުރުމަށް ބާރުއެޅުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ގައުމީ ކެމްޕޭން "އިޓްސް ކޫލް އެޓް 25" ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، ހަކަތަ ސަލާމަތްކުރުމަކީ ހަމައެކަނި ސަރުކާރުން ކޮށްގެން ފަރުޖައްސާލެވެން އޮތް މަސައްކަތެއް ނޫން ކަމަށާއި، މީގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެގޮތުން މުއައްސަސާތަކުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމަށާއި، މުޅި މުޖުތަމައު ހަކަތަ ބޭނުންކުރުމުގައި ޒިންމާދާރުވުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ. ވަކިން ޚާއްޞަކޮށް ވިޔަފާރިވެރިން ޒަމާނީ ވަސީލަތްތަކަށް އިންވެސްޓްކުރުމަށާއި ހަކަތަ ބޭނުންކުރާ އާދަތަކަށް ފަރުވާތެރިވުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ހަކަތައަކީ އިންސާނުންގެ މުޅި ދިރިއުޅުމާ ގުޅިލާމެހިފައިވާ އެއްޗެއްކަން ފާހަގަކުރެއްވިއެވެ. "އަޅުގަނޑު ގަބޫލުކުރާގޮތުގައި ހަކަތައަކީ އަޅުގަނޑުމެންގެ މުޅި ދިރިއުޅުމާ ހުރިހާ ގޮތަކުން ގުޅިލާމެހިފައިވާ އެއްޗެއް. ދަތުރުފަތުރާއި، ސިއްހީ ޚިދުމަތްދޭ ތަންތަނާއި ސްކޫލްތަކާއި ސިނާއީ މަސައްކަތާއި އިމާރާތްކުރުމުގެ ދާއިރާ ހިނގުންވެސް ބިނާވެފައިވަނީ ހަކަތައިގެ މައްޗަށް،" ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ ބޮޑު ބައެއް އުފައްދަނީ ބޭރުން އިމްޕޯޓްކުރާ ޑީސަލުން ކަމަށްވާއިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ސީދާގޮތުން ކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ހަކަތަ އިސްރާފުކުރުން މަދުކުރުމަކީ ހަމައެކަނި މުހިންމު ކަމެއްގެ އިތުރުން، އެއީ ގައުމުގެ ސަލާމަތާއި އިގްތިސާދީ ކުރިއެރުމަށްޓަކައި ކޮންމެހެން ކުރަން މަޖުބޫރުވެފައިވާ ކަމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުގެ އިތުރުން ތިމާވެއްޓާއި ބެހޭ ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން