ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތާއި ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ޚިިދުމަތް ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން މިއަދު ދޭން ފަށައިފިއެވެ. މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ދެ ޚިދުމަތް ލަންކާއިން ދޭން ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ އެމަނިކުފާނުގެ އަނބިކަނބަލުން އެ ޤައުމަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. މިކަމަށްޓަކައި މިއަދު ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި ބޭއްވި ޚާއްޞަ ހަފްލާއެއްގައި، ލަންކާއިން އައިޑީކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ދެ ދިވެހީންނަށް ދީފައިވެއެވެ.
މިއީ ބޭރު ޤައުމެއްގައި ދިވެހި އައިޑީކާޑާއި ޕާސްޕޯޓް ދޫކުރަން ފެށި ދެވަނަ ޤައުމެވެ. ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޭރު ގައުމެއްގައި މި ޚިދުމަތް ދޭން ފަށާފައިވަނީ މެލޭޝިޔާގައެވެ. މެލޭޝިޔާގައި މި ޚިދުމަތް ދޭން ފަށާފައިވަނީ 28 އޭޕްރީލް 2024 ގައެވެ.
މި އައު ޚިދުމަތާއެކު ސްރީލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންނަށް އައިޑީކާޑާއި ޕާސްޕޯޓް އައުކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ ކުރިން މި ޚިދުމަތްތައް ހޯދުމަށް ރާއްޖެއަށް އަންނަން ޖެހުމުގެ ސަބަބުން ރައްޔިތުންނަށް އުފުލަންޖެހޭ ތަކުލީފުތަކަށް މީގެ ސަބަބުން ހައްލެއް ލިބިގެންދާނެއެވެ.