މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަހުގެ އުފެއްދުންތައް ސްރީލަންކާގެ ބާޒާރަށް ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ. ސްރީލަންކާގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި މިފްކޯގެ އުފެއްދުންތައް ލަންކާއަށް ތަޢާރަފުކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. މިފްކޯއިން ސްރީލަންކާގައި އިފްތިތާޙްކޮށްފައިވާ ތަކެތީގެ ތެރޭގައި އެ ކުންފުނީގެ ފަސްމީރު ބްރޭންޑްގެ ވަޅޯމަހާއި، އެކި ބާވަތްތަކުގެ މަސްދަޅުގެ އިތުރުން ރިހާކުރާއި ޕެކެޓްގައި ބަންދުކޮށްފައި ހުންނަ މުގުރި މަސް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ސްރީލަންކާއަށް ރަސްމީކޮށް މިފްކޯގެ މަހުގެ ބާވަތްތައް ތަޢާރަފްކުރުމުގެ ކުރިންވެސް ސްރީލަންކާގެ ރައްޔިތުންގެ ހިތްތަކުގައި ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޚާއްސަ ލޯތްބެއް އޮންނަ ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގުޅުމުގެ މައްޗަށް ބިނާކޮށް، މިފްކޯގެ އުފެއްދުންތައް ލަންކާގެ ރައްޔިތުންނާއި ޚާއްސަކޮށް އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ފަސޭހައިން ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ކަނޑުގެ ވަޞީލަތްތަކުން ދިވެހިންނަށް ލިބޭ ނަފާ އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި މަސައްކަތުގެ ދަށުން މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްޞަ ޤައުމީ އައު ބްރޭންޑް، "ފްރޮމް މޯލްޑިވްސް" ވެސް ތަޢާރަފްކޮށްފައެވެ.
މިފްކޯގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް ފުޅާކުރުމަކީ ދިވެހި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، ރާއްޖޭގެ އިޤްތިޞާދަށް އޭގެ ފައިދާ ކުރާނެ ކަމެކެވެ.