ދިވެހިރާއްޖެއަކީ ހަމައެކަނި ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމުގެ އިތުރުން، އިންޑިއާ ކަނޑުގެ މުހިންމު އިޤްތިޞާދީ މަރުކަޒަކަށް ހެދުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް – ސްރީލަންކާ ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އަމާޒު މިކަމުގައި ވަރަށް ސާފު ކަމަށާއި، ވިޔަފާރިއާއި، ރައުސުލްމާލް އަދި އައު އީޖާދުތައް ގުޅުވައިދޭ މަރުކަޒަކަށް ރާއްޖެ ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގެ މާލީ ދާއިރާއާއި، ފަތުރުވެރިކަމާއި، ދަތުރުފަތުރާއި، އުފެއްދުންތެރިކަމުގެ އިތުރުން މަސްވެރިކަމުގެ ދާއިރާގައި ސްރީލަންކާގެ ކުންފުނިތަކުގެ ބައިވެރިވުން މިހާރުވެސް ވަރަށް ބޮޑުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދެ ޤައުމުގެ ގުޅުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ ހަމައެކަނި ވިޔަފާރީގެ މަންފާއަކަށްޓަކައި ކުރާ ކަމެއް ނޫން ކަމަށާއި، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި ގާތްކަމުގެ ރަމްޒެއް ކަމަށެވެ. "ކުދި ޖަޒީރާ ގައުމުތަކަކަށް ވީތީ، ދެ ގައުމަށްވެސް ކުރިމަތިވަނީ އެއްގޮތް ހަގީގަތްތަކެއް. އެއީ މާކެޓް ކުޑަވުމާއި، ބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ އަސަރު ފަސޭހައިން ފޯރުމާއި، އަދި އިގްތިސާދު ސިންދަފާތުކޮށް އައު އީޖާދުތަކުގެ އެހީގައި ގައުމުގެ ފުދުންތެރިކަން އިތުރުކުރަން ޖެހިފައިވުން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ އިސްތިރާޖީ ގޮތެއްގައި ޑިޖިޓަލައިޒޭޝަންއާއި، މަސްވެރިކަމާއި، ލޮޖިސްޓިކްސްގެ އިތުރުން އިއާދަކުރަނަވި ހަކަތައާއި މާލީ ހިދުމަތްތައް ފަދަ ދާއިރާތައް ތަރައްގީކުރުން ކަމަށެވެ. މި މަސައްކަތްތަކުގެ ބޭނުމަކީ ރާއްޖެއަކީ ރައުސުލްމާލާއި ހުނަރާއި ފުރުސަތުތައް ގުޅުވައިދޭ މަރުކަޒަކަށް ހެއްދެވުން ކަމަށްވެސް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ، މުސްތަގުބަލުގައި ރާއްޖެއާއި ލަންކާގެ މެދުގައި ވިޔަފާރިކުރުމަށް އެތައް ގިނަ ފުރުސަތުތަކެއް ހުޅުވިފައިވާ ކަމަށެވެ. އަދި ދެ ޤައުމުން ހިއްސާކުރާ ގޮންޖެހުންތަކުގެ ސަބަބުން، ދެ ފަރާތަށްވެސް ފައިދާހުރި އައު ފުރުސަތުތަކެއް އުފަންވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.