ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤުވާމީ އިންވެސްޓަރުންނަށް ފޯރުކޮށްދިނުމަށް ބާއްވާ ޚާއްޞަ "ބިޒްނަސް ފޯރަމް" ސްރީލަންކާގައި ބާއްވައިފިއެވެ. މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވިއިރު، ސްރީލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔަވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ފޯރަމްގައި ދިވެހި އިންވެސްޓަރުންނާއި ސްރީލަންކާގެ އިންވެސްޓަރުން ހިމެނޭހެން ޖުމްލަ 300އެއްހާ މީހުން ބައިވެރިވެފައިވެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބޭރުގެ އިންވެސްޓަރުންނަށް ހުރި ފުރުޞަތުތައް ދައްކާލުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.
މިފަހަރުގެ ފޯރަމްގައިވެސް ވަނީ ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުޞަތުތަކުގެ ތަފްޞީލީ މަޢުލޫމާތުތައް ވިޔަފާރިވެރިންނާ ހިއްސާކޮށްފައެވެ. ޚާއްޞަކޮށް ރާއްޖޭގައި އެކި ދާއިރާތަކުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ މަޢުލޫމާތުތައް ވަނީ ހިއްސާކޮށްފައެވެ. އޭގެތެރޭގައި ފަތުރުވެރިކަމުގެ ސިނާޢަތާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތައް ހިމެނެއެވެ.
މީގެ އިތުރުން، ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ ބައެއް ބޮޑެތި މަޝްރޫޢުތަކުގެ ތަފްޞީލުވެސް އިންވެސްޓަރުންނަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ސަސްޓެއިނަބަލް ޓައުންޝިޕް އިންވެސްޓްމަންޓް މަޝްރޫޢާއި، ރަސްމާލެ މަޝްރޫޢުގެ އިތުރުން ތިލަފުށީގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޕޯޓް މަޝްރޫޢު ހިމެނެއެވެ.
ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް ލަންކާގެ އިންވެސްޓަރުންނަށް ހިއްސާ ކުރުމަށް މިފަދަ ފޯރަމެއް ބޭއްވިއިރު، މިދިޔަ އަހަރު ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައިވެސް ރާއްޖޭގައި ވަނީ ބިޒްނަސް ފޯރަމެއް ބާއްވާފައެވެ. މިފަދަ ފޯރަމްތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެ، ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.