ރާއްޖެ ގެންދަން މިސްރާބު ޖަހާފައިވަނީ ފުރިހަމައަށް ތަރައްގީވެފައިވާ ދެމެހެއްޓެނެވި ގައުމަކަށް ހެދުމަށް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 12ސ
ރާއްޖެ ގެންދަން މިސްރާބު ޖަހާފައިވަނީ ފުރިހަމައަށް ތަރައްގީވެފައިވާ ދެމެހެއްޓެނެވި ގައުމަކަށް ހެދުމަށް: ރައީސް

ސަރުކާރުން ރާއްޖެ ގެންދަން މިސްރާބު ޖަހާފައިވަނީ ފުރިހަމައަށް ތަރައްގީވެފައިވާ ދެމެހެއްޓެނެވި ގައުމަކަށް ހެދުމަށް ކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް - ސްރީލަންކާ ބިޒްނަސް ފޯރަމް ފައްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މި ތަސައްވުރަކީ ދުރު ހުވަފެނެއް ނޫންކަމަށާއި، އެއީ ސަރުކާރުން އެކަށައަޅާ ކޮންމެ ސިޔާސަތެއްގެ ފަހަތުގައި އޮތް އިސްތިރާޖީ ތަސައްވުރުކަމަށެވެ. އަދި މި ތަސައްވުރުގެ ކުންނުގައި އޮތީ ތަރައްގީ ވާންޖެހެނީ ރައްޔިތުންގެ ވަށައިގެން ބިނާކުރެވޭ، ޓެކްނޮލިޖީން ކުރިއަށްގެންދާ، ތިމާވެށީގެ ގޮތުން ޒިންމާދާރު ކަމެއް ކަމަށް ގަބޫލުކުރުމުގެ މައްޗަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިގުތިސާދީ ކުރިމަގު ބައްޓަންކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު ބަލައިގަތުމަކީ މި ތަސައްވުރުގެ އެންމެ މުހިއްމު އެއް ސިފަ ކަމަށް ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުވާނީ ގައުމީ އެޖެންޑާގެ އެންމެ ފުނުގައި ޕްރައިވެޓް ދާއިރާގެ މަތީގެ މައްޗަށް ކުރިއެރުން ބިނާކުރުން އެކަށައަޅާފައި. އަޅުގަނޑުމެން މިދަނީ އިންވެސްޓުމެންޓަށް ފަހިވާނެ، ވިޔަފާރިތަކަށް ރަހުމަތްތެރި މާހައުލެއް ގާއިމުކުރުމަށް މަސައްކަތްކުރަމުން،" ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް ބޭރުގެ އިންވެސްޓުމެންޓުތައް ގެނައުމަށް މަގުފަހިކުރުމުގެ ގޮތުން 40 އަހަރުވީ ގާނޫނީ އޮނިގަނޑު މުރާޖައާކޮށް އިންވެސްޓުމެންޓާ ބެހޭ އައު ގާނޫނެއް ތައާރަފުކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ގާނޫނުގެ ސަބަބުން އިންވެސްޓަރުންނަށް ސާފުކަމާއި ކަށަވަރުކަމާއި އިތުބާރު ލިބިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ގައުމީ ތަރައްގީއަށް މުހިއްމު ދާއިރާތަކަށް ބޭރުގެ ރައުސުލްމާލާއި ތަޖުރިބާއާއި ޓެކްނޮލޮޖީ އެތެރެކުރެވޭނެ މަގުތައް ފަހިވެގެންދާނެއެވެ.

ހާއްސަ އިގުތިސާދީ ސަރަހައްދުތަކާ ބެހޭ ގާނޫނު އިސްލާހުކޮށް ސަސްޓެއިނަބަލް ޓައުންޝިޕުތަކަށް ފުރުސަތު ހުޅުވައިލުމަކީ ރާއްޖޭގެ އިގުތިސާދު އައު ހަރުފަތަކަށް އުފުލައިލުމަށް ސަރުކާރުން ތައްޔާރުވެފައި އޮތްކަމުގެ ހެއްކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ "ރެގިއުލޭޓަރީ އޮނިގަނޑުތައް އިސްލާހުކޮށް ފަސޭހަކޮށްދިނުމާއި، މުއައްސަސާތައް ހަރުދަނާކުރުމުގެ ތެރެއިން މިބައްޓަންކުރަނީ ހުޅުވާލެވިފައިވާ ދިރުންހުރި ބައިނަލްއަގުވާމީ ގޮތުން ވާދަވެރި އިގުތިސާއެއް" ކަމަށެވެ.

މީގެ އިތުރުން، ދިވެހި ވިޔަފާރިތައްވެސް ބޭރު ގައުމުތަކުގައި އިންވެސްޓްކުރަން ޝައުގުވެރިވާކަން ފާހަގަކުރައްވައި، ލަންކާއަކީ އެމަގުން ބަލާއިރު އިސްސަފުގައި ގުނާލެވޭ ގައުމެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި ފޯރަމުގައި ބައިވެރިވި ލަންކާގެ ވިޔަފާރިތަކާއި، ލަންކާގައި ގާއިމްވެ ތިބި އެހެން ގައުމުތަކުގެ ވިޔަފާރިތަކަށް ދެމެހެއްޓެނިވި އިންވެސްޓުމެންޓުތަކެއް ރާއްޖޭގައި ކުރުމަށް ދައުވަތު އަރުވާފައެވެ.

މިއަދު އޮންލައިން