ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވިސާގެ ކަންކަމުގައި ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ލިބޭނެ ކަމުގެ ޔަޤީންކަން އެ ޤައުމުގެ ރައީސް ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި އާއިލާތަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްރީލަންކާގެ ރައީސްއާއެކު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުންތަކުގައި، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައިވެސް މި މައްސަލައަށް ލުޔެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވިސާގެ މައްސަލައަށް ޙައްލެއް ހޯދުމަށް ސްރީލަންކާ ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، "ވިސާ ލިބުމުގައި ހުރި ކަންކަން ޙައްލުވެގެން ގޮސް މުޅި މައްސަލައަށް ދާއިމީ ޙައްލެއް އަންނާނެކަމުގެ އުންމީދު ބޮޑު. މީގެ ކުރިން އޮތް ހާލަތަށްވުރެވެސް ރަނގަޅު ޙައްލެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް. އެކަން ކުރުމަށް އަމަލީ މަސައްކަތް ކުރެވިގެންދާނެ" ކަމަށެވެ.
މީގެ އިތުރުން، ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް މާލީ މުޢާމަލާތްތައް ކުރުމުގައި ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗެއް އެ ޤައުމުގައި ހުޅުވުމުގެ މަސައްކަތް ކުރިއަށްދާކަންވެސް ރައީސް ހާމަކުރެއްވިއެވެ. މިކަމުގެ ސަބަބުން ލަންކާގައި އުޅޭ ދިވެހިންނަށާއި ރާއްޖޭގައި މަސައްކަތްކުރާ ލަންކާ ރައްޔިތުންނަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ވާހަކަފުޅުތަކާއެކު، ސްރީލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނަށް ދިމާވެފައިވާ ވިސާގެ ދަތިތަކަށް ލަސްތަކެއްނުވެ އުފާވެރި ޚަބަރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.