ލިބޭ ދަރިފުޅުގެ ކުލައާއި ސިފަ ހުތުރުވެގެން ނިކަމެތިކޮށްލުމަކީ މައިންބަފައިންގެ އުފާވެރިކަމާ ތަނަވަސްކަން ގެއްލޭ ކަމެއްކަން އެނގޭނެ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 20ސ
ލިބޭ ދަރިފުޅުގެ ކުލައާއި ސިފަ ހުތުރުވެގެން ނިކަމެތިކޮށްލުމަކީ މައިންބަފައިންގެ އުފާވެރިކަމާ ތަނަވަސްކަން ގެއްލޭ ކަމެއްކަން އެނގޭނެ ޙާދިސާއެއްގެ ވާހަކަ-

ދަރިން އުފަންވުމުގައި މައިންބަފައިންގެ އެއްވެސް ބާރެއް ނުވެއެވެ. ދަރިން ލިބޭނީ ﷲ ދެއްވެވީމައެވެ. ދެއްވަވާ ދަރިފުޅުގެ ކުލައާއި ސިފަ އާއި ޖިންސުވެސް ކަނޑައަޅުއްވަވަނީ ﷲ އެވެ. މައިންބަފައިންނަށް އޮތީ އެކަން ބަލައިގަތުމެވެ. ނޫންނަމަ ފުރަގަސް އެދެވެނީ ﷲ ގެ މަތިވެރި ނިންމެވުމަކަށެވެ. އެކަމަށް ދެދުނިޔޭގައިވެސް ކުރިަމތިލާން ނުޖެހި ނުދާނެއެވެ.    

މުހިންމީ އަނބިން، ނުވަތަ ފިރިން ނުވަތަ އެނޫން މީހަކުވެސް ކުށްވެރިކުރުމެއް ނޫނެވެ. ދަރިން ލިބުމުން އަޅައިނުލާ، ލޯބިނުދޭ، ޚަރަދުނުކުރާ އެންމެންނަށް ވިސްނައިދޭން މަސައްކަތްކުރުމެވެ. ދަރިން ލިބުމުން ނިކަމެތި ނުކުރަން ނަޞޭޙަތްތެރިވުމެވެ.  

ތިރީގައިވާ ވާހަކަ ވިދާޅުވެލައްވާށެވެ! ޢިބްރަތްތެރި ފިލާވަޅަކަށްވާނެއެވެ. އިން ޝާ ﷲ  

އެއީ ތަނަވަސް ދެމަފިރިންނެވެ. އެމީހުން ދަރިއަކު ބޭނުންވެއެވެ. ނަމަވެސް ވިހެއުމުން އަންހެންމީހާގެ ރީތިކަމަށް ބަދަލުއަތުވެދާނެ ކަމުގެ ބިރަށް ބަލިވެއިންނާކަށް ބޭނުމެއް ނުވިއެވެ. އެހެންވެ ދެމީހުން މަޝްވަރާކޮށްފައި އެމީހުންގެ ކުއްޖަކު ވިހައިދޭނެ އަންހެނަކު އަގުދީގެން ހޯދިއެވެ. 

އަންހެން ދަރިއަކު ލިބުމުން އެމީހުންނަކަށް ދަރިފުޅު ކަމަކު ނުދިއައެވެ. އެހެންވެ ހޮސްޕިޓަލް މެދުވެރިކޮށް ދަރިފުޅު ގެންގޮސް ހަވާލުކުރީ ޔަތީމްޚާނާއަކަށެވެ. ކޮންމެވެސް ގޮތަކުން މިފަދަކަމެއް ހިނގައިފިކަމާއިމެދު ކުއްޖާ ވިހެއި އަންހެން މީހާއަށް ޝައްކުކުރެވުނެވެ. އެހެންވެ އެ ކުއްޖާ ދެކެލުމުގެ ބޭނުމުގައި އެގެއަށް ގޮސް ސުވާލުކުރުމުން ބުނީ ދަރިފުޅުވީތަނެއް އެނގޭނީ ހޮސްޕިޓަލަށް ކަމަށެވެ.  

އެހައިބޮޑަށް ބޭނުންވެގެން ހޯދި ކުއްޖަކާއިމެދު އެގޮތަށް ކަންތައް ކުރި ސަބަބު ކަމަށްބުނީ އަންހެން ކުއްޖަކަށްވެފައި ސިފަ ހުތުރުކަމެވެ. އެހައި ސިފަ ހުތުރު ކުއްޖަކު ދަރިއެއްގެ ގޮތުގައި ބޭނުން ނޫން ކަމަށްވެސް ބުންޏެވެ. އަދި ކުއްޖާގެ ސިފަހުތުރުވީ ވިހެއި މީހާގެ ސިފަހުތުރުވުމުންކަމަށްބުނެ މަލާމާތްވެސް ކުރިއެވެ.  

އެހިސާބުން އޭނާ ދިއައީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލުން މައުލޫމާތު ނުދޭން މަސައްކަތްކުރުމަށްފަހުގައިވެސް އޭނާ ކަރުނައަޅައި ރޯންފެށުމުން މައުލޫމާތު ދިނެވެ. ދެން އޭނާ ދިއައީ ޔަތީމްޚާނާއަށެވެ. އެތަނުން ބުނީ މަންމަގެ ގޮތުގައި ދަރިފުޅު ނުލިބޭނެ ކަމަށާއި ނަމަވެސް ޤާނޫނީ މަރުޙަލާތައް ފުރިހަމަކޮށްފިނަމަ ކުއްޖާ ބަލައިބޮޑުކުރާ މަންމައެއްގެ ގޮތުގައި ކުއްޖާ ޙަވާލުކުރާނެ ކަމަށެވެ.  

އެކަމަށް ޚަރަދުތަކެއްވެސް ކުރަންޖެހެއެވެ. ކުއްޖާ ވިހައިދޭން އަގެއްގެ ގޮތުގައި ހޯދި ފައިސާއިން ޚަރަދުކޮށްގެން ކުއްޖާ ހޯދައިގެން އަމިއްލަ ދަރިއަކު ފަދައިން ގެންގުޅެ ބޮޑުކުރަމުން ދިއައެވެ. އެއިރު އޭނާއަކީ ކައިވެނިވެސް ނުކޮށްހުރި އަންހެނެކެވެ. އަމިއްލަ ދަރިއަކު ހޯދަން ވިސްނާފައެއްވެސް ނެތެވެ. ނަމަވެސް އަމިއްލަ ބަނޑުގައި ބާއްވައިގެން ދުވަސްފުރާ ވިހެއި ކުއްޖަކަށްވާތީ ހިތުގައި އޮތް ލޯބިން ކުއްޖާ ބަލަމުން ގެންދިއައީއެވެ.  

ދެން އޮތީ އެދެމަފިރިންގެ ވާހަކައެވެ. ދެމީހުން ދަރިއަކު ހޯދަން މަސައްކަތްކޮށްކޮށްވެސް ދަރިއަކު ނުލިބި 5 އަހަރު ފާއިތުވެއްޖެއެވެ. ކުރަމުންދިއަ ވިޔަފާރިން ގެއްލުންވަމުން އައިސް ފަޤީރުވެއްޖެއެވެ. އެހިސާބުން ދެމަފިރިންނަށް ޤަބޫލުކުރެވުނީ ހުރިހާވެސް މައްސަލައަކީ އެދަރިފުޅާއިމެދު ކަންތައް ކުރެވުނު ގޮތް ކަމަށެވެ.  

ދެމަފިރިން ގޮސް ހޮސްޕިޓަލުން މައުލޫމާތު ހޯދައިގެން ޔަތީމުޚާނާއަށް ދިއުމުން ކަންވީގޮތް ކިޔައިދިނެވެ. ދެން ދިއައީ އެއަންހެންމީހާ ގާތަށެވެ. އަންހެން މީހާ ބުނީ ދަރިފުޅު ނުދޭނެ ކަމަށެވެ. ރޮއި އާދޭސްކުރުމުންވެސް ބުނީ ނުދޭނެ ކަމަށެވެ. އަދި އޭނާ ކުއްޖާ ދެކެން ދިއަދުވަހު އޭނާ އާއި ދިމާއަށް ބުނި ބަސްތައް ހަނދާންކޮށްދިނެވެ. "ސިފަހުތުރު މީހަކު ވިހާފައިވާ ސިފަ ހުތުރު ދަރިފުޅު" ރީތި ނުވާނެ ކަމަށާއި ތިއަ އުޅެނީ ކުއްޖާއަށް ގެއްލުންދޭން ކަމަށް ބުނެ ދެމަފިރިން އޭނާ ގެއިން ބޭރުކޮށްލީއެވެ.  

ދެން މިކިޔައިދެނީ ކުއްޖާގެ ވާހަކައެވެ. ކުއްޖާ ބޮޑުވެގެންވީ މޮޅު ޑޮކްޓަރަކަށެވެ. ސަރަހައްދަށް މަޝްހޫރުވެ ގިނަ ބައަކު ޚިދުމަތްހޯދާ ޑޮކްޓަރަކަށެވެ. ޤަބޫލުކުރަންވެސް އުނދަގޫވެދާނެއެވެ. އޭނާގެ އުމުރުން 30 އަހަރުވީއިރު އެންމެ ބޮޑު ނޫނަސް އަމިއްލަ ހޮސްޕިޓަލެއް ހިންގައެވެ.  

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާ މިކުރަނީ ވާހަކައިން ލިބިގަންނަންޖެހޭ ޢިބްރަތް ބޮޑުކަން އަޅުގަނޑަށް ފާހަގަކުރެވޭތީއެވެ.  

ވާހަކައިގެ އެންމެ މުހިންމު ބައަކީ ކުއްޖާ ވިހެއި މީހާއެވެ. އޭނާ އެކަންކުރީ ފަޤީރު ޙާލުގައި ދިރިއުޅޭތީ ފައިސާގެ ބޭނުމުގައެވެ. ނަމަވެސް އެގޮތަށް ކަންތައްތައް ދިމާވުމުން އޭނާއަށް އެންމެ މުހިންމުވީ ކުއްޖާއެވެ. ބަނޑުއަޅައި ވިހެއުމުން އުފެދުނު ލޯބީގެ ބޮޑުކަމުންނެވެ. އަގަށް ލިބުނު ފައިސާއިން ހޭދަކޮށްގެން ކުއްޖާ ގަތީކަމަށް ބުނެވެން އެބައޮތެވެ. އަދި ދަތިޙާލުގައި އުޅެމުންވެސް ކުއްޖާ ގެންގުޅެ ބޮޑުކުރުމުން ލެއްވެވި ރަޙްމަތް ނިކަންދެކިބަލާށެވެ.  

ދެން ސުވާލުކޮށްލަން ބޭނުންވަނީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މައިންގެ ޙާލަތާއިމެދުގައެވެ. ސުވާލަކީ 9 މަހާއި 9 ދުވަހު ބަނޑުގައި ބާއްވައިގެން ވިހާ އަމިއްލަ ދަރިފުޅުދެކެ ލޯބިނުވެވޭ ކިތައް މައިން އެބަތިބި ހެއްޔެވެ؟ އެފަދަ މައިންގެ އަދަދު މަދުވެދާނެ ކަމަކަށްވެސް ނުބުނާނަމެވެ. ފެންނަ ކަންތައްތަކުންނެވެ. ހަމައެފަދއިން ދަރިން ލިބުމުން ތިމާއަށް ދަރިއަކު ލިބުނުކަން އެނގޭކަމަށްވެސް ނުހަދާ ބައްޕައިންނަކީ މަދު ބައެއްކަމަކަށް ނުބުނެވޭނެއެވެ.  

އެދެމަފިރިންނާއިމެދު ކަންކަން މެދުވެރިވި ގޮތް ދަރިން އެއްލައިލާ މައިންބަފައިންނަށް ޢިބްރަތަކަށް ނުވޭހެއްޔެވެ؟ ލިބުނު ދަރިފުޅުގެ ސިފަ ހުތުރުކަމުން އެއްލައިލި ދެމަފިރިންނަށް ރީތި ދަރިއަކު ނުލިބުނުތަނުގައި ހުތުރު ދަރިއަކުވެސް ނުލިބުނީއެވެ. ތަނަވަސްކަން ގެއްލި ދިއައީއެވެ. ވީމާ މިފަދަ ޢިބްރަތްތެރި ވާހަކަތަކުން ފިލާވަޅު ލިބިގަންނާކަށް ނުވޭބާވައެވެ!

 

- ޝަކީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން