ދަރިން ދައްކާ ވާހަކައަށް ސަމާލުކަން ނުދިނީމާ ވާނީ މިހެން! ވަޤުތުން ކުއްޖާ މަރުވި ހިތާމަވެރި ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ދަރިން ދައްކާ ވާހަކައަށް ސަމާލުކަން ނުދިނީމާ ވާނީ މިހެން! ވަޤުތުން ކުއްޖާ މަރުވި ހިތާމަވެރި ޙާދިސާއެއްގެ ވާހަކަ-

ފުރަތަމަ މިގެނެސްދެނީ ޙާދިސާއެވެ.  

އެއީ 10 އަހަރުގެ ކުޑަކުއްޖެކެވެ. ކުއްޖާގެ ދޮންމަންމަ ކުއްޖާގެ ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށްފަހު ސިރިންޖަކުން އެއަށް އެއްޗެއް އެޅިތަން ކުއްޖާއަށް ފެނުނެވެ. މޭޒުމަތީގައި ބަހައްޓާފައި ކާން ބުނުމުން ކުއްޖާ ބުނީ މިހާރު ބަނޑުހައި ނުވާ ކަމަށާއި ކާން ބޭނުން ނޫން ކަމަށެވެ. ދޮންމަންމަ ތަކުރާރުކޮށް ކާންބުނުމުންވެސް ކުއްޖާ ދިނީ ހަމައެޖަވާބެވެ.  

އެވަޤުތު އެތަނަށް ބައްޕައައިސް ކާން ބުނުމުންވެސް ދިނީ ހަމައެޖަވާބެވެ. ސްކޫލަށްދާން މިހާރުވެސް ލަސްވެއްޖެކަމަށާއި ނުކައި ނުދެވޭނެކަމަށްބުނެ ބައްޕަ ބާރުއަޅަންފެށުމުން ކުއްޖާއަށް ފެނުނު ކަންތައް ބައްޕައަށް ކިޔައިދިނެވެ. ނަމަވެސް ޤަބޫލުނުކޮށް ބުނީ ތިއައީ ހީވި ގޮތެއް ކަމަށާއި ދޮންމަންމަ އެބާވަތުގެ ކަމެއް ނުކުރާނެ ކަމަށެވެ.  

ބައްޕަ ރުޅިއައުމުން ކުއްޖާ ކާންފެށިއެވެ. އަނގައަށްލައި ދިރުވައިލެވުނީ 3 ސުވަލެވެ. ބިންމައްޗަށް ވެއްޓިއްޖެއެވެ. ނަގަން ބެލިއިރު ނޭވާއެއް ނުލައެވެ. ނަގައި ސޯފާގައި ބާއްވައި ނޭވާލާކަން ކަށަވަރުކުރުމުން ޔަޤީންވީ ނޭވާނުލާކަމެވެ. ކުއްޖާ މަރުވީއެވެ.

ކުއްޖާދެއްކި ވާހަކަތައް ބައްޕައަށް ޤަބޫލުކުރެވުނެވެ. ނަމަވެސް ވަޤުތު ފާއިތުވެއްޖެއެވެ. އަނބިމީހާދެކެ ކިތަންމެ ރުޅިއަޔަސް ކިތަންމެ ބޮޑު އަދަބެއް ދިނަސް ދަރިފުޅު އަނބުރައެއް ނުލިބޭނެއެވެ. ފުރަތަމަ އަނބިމީހާ މަރުމަރުމަތީގައިވެސް އެންމެ ބޮޑަށް ވަޞިއްޔަތްކުރީ ދަރިފުޅަށް ސަމާލުކަންދީގެން ގެންގުޅެ ބޮޑުކޮށްދިނުމަށެވެ. އެވަޞިއްޔަތުގައި މިޖެހުނީ ކޮޅުފައިކަން ވިސްނި ވަރަށް ދެރަވިއެވެ. ފުލުހުން ގެނެސް އޭނާ ޒަހަރުލީ ކާނާއާއިއެ އަނބިމީހާ ފުލުހުންނާ ޙަވާލުކުރިއެވެ.  

ދެން ވިސްނާށެވެ! އެކުއްޖާއަށް ކާން މަޖުބޫރިވި ސަބަބަށެވެ. އޭނާގެ ވާހަކަ ބައްޕަ ޤަބޫލުނުކުރުމެވެ. އޭނާގެ ފުރާނަ ބައްޕައަށް މުހިންމު ނޫންކަން ވިސްނުމެވެ. އިތުރަށް ދުނިޔޭގައި ހުރިނަމަވެސް އުޅެންޖެހޭނެ ނިކަމެތިޙާލުވެސް ވިސްނުމެވެ. އެޚިޔާލުތަކުގެ ސަބަބުން އޭނާގެ ފުރާނައަށް ވިސްނައިނުލެވުނީއެވެ. އޭނާ ދިރިހުރުން މުހިންމު ކަމަކަށްނުވީއެވެ.  

އެއީ ކުޑަކުއްޖެކެވެ. މިފަދަ ޙާލަތު ކުރިމަތިވުމުން ބޮޑެތި މީހުންނަށްވެސް އެމީހުންގެ ސިކުނޑީގެ ފިޔުޒްގޮސް މިފަދަ ގޯސްތައް ހެދޭކަންވެސް ޤަބޫލުކުރަންވާނެއެވެ. ވީމާ މިހުންނަނީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންކަމެވެ.  

ވިސްނާށެވެ! އަނގަގަދަ ކުދިންވެސް ތިބޭނެއެވެ. ޚިޔާލަށް އަންނަ ކަންކަމުގެ ވާހަކަ އެއީ ޙަޤީޤަތެއްގެ ސިފައިގައި ހާމަކުރާކުރާ ކުދިންވެސް ތިބޭނެއެވެ. ނަމަވެސް އެއީ މިބާވަތުގެ ސީރިޔަސް ކަންކަމުގައެއް ނޫނެވެ. 

ކުއްޖާ އެވާހަކަ ބުނުމުން ބައްޕަ އޭނާގެ ބުއްދީގެ ބޭނުންހިފައި އެއިން ފުރަތަމަ ކެއުމަށް އަނބިމީހާގެ ގާތުގައި ބުނިނަމަ ކުއްޖާ އެދެއްކި ވާހަކައިގެ ޙަޤީޤަތް އޮތީހީ ހާމަވެފައެވެ. އެއަކުން އޭނާ ނުކާނެއެވެ. އެހިސާބުން ކަންކަން ޔަޤީންކުރެވޭނެއެވެ.  

ވިސްނާށެވެ! ދަރިން ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދެވޭނަމަ މިބާވަތުގެ މައްސަލަތައް ކުރިމަތިވެ ހިތާމަކުރަންޖެޖޭނެއެވެ. މިގޮތަށް ދަރިންމެދރުމަކީ ރާއްޖޭގައި ޢާންމުކަމެއް ނޫންނަމަވެސް ރާއްޖޭގައިވެސް އިތުރުވަމުންދާ ކަމެއް  އެބައޮތެވެ. އެއީ ދަރިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެވެ.  

އެބޮޑު އަނިޔާ ދަރިންނަށް ލިބެން ގިނަފަހަރު މަގުފަހިވާ ސަބަބަކީ ދަރިން ދައްކާ ވާހަކަ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިން ޤަބޫލުނުކުރުމެވެ. އެވާހަކައަށް ދޭންޖެހޭ ސަމާލުކަން ނުދެވުމެވެ. ވީމާ މިއީ ހުރިހާ ބެލެނިވެރިންވެސް ހޭލުންތެރިވާންޖެހިފައިވާ ކަމެކެވެ.  

އުންމީދަކީ މިކަންކަމަށް ބެލެނިވެރިންގެ ހޭލުންތެރިކަން އިތުރުވުމެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން