ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުން ބެހެއްޓެވި ގާތްކަމާއި އަދާކުރެއްވި މެހެމާންދާރީއަށް އެމަނިކުފާނު ޝުކުރު އަދާކުރައްވައިފިއެވެ.
މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސާނަޔަކެގެ ދަޢުވަތަކަށް މި މަހުގެ 3 ވަނަ ދުވަހު ފެއްޓެވި ރަސްމީ ދަތުރުފުޅެކެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ސޯޝަލް މީޑިއާގައި ސްރީލަންކާ ބަހުން ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، މި ދަތުރުފުޅު ނިންމަވާލައްވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެމަނިކުފާނާއި އަނބިކަނބަލުންގެ އިތުރުން ދިވެހި ވަފުދުގެ ބޭފުޅުންނަށް ލަންކާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބުނު ހޫނު މަރުޙަބާއާއި މެހެމާންދާރީއަށް ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ މަރަސޫރިޔާއާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެކި ދާއިރާތަކުން ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި މި މަޝްވަރާތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބޮޑު ހިތްވަރެއް ލިބިވަޑައިގެންނެވި ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.