ރާއްޖޭގެ 800 އަށްވުރެ ގިނަ ފާމަސީއަށް އާސަންދައިގެ ޒަރޫރީ ބޭސް ލިސްޓުން 3000 އަށްވުރެ ގިނަ ބޭސް ދޫކުރަމުންދާއިރު، ރައްޔިތުންނަށް ބޭސް ނުލިބޭ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ ކަމެއް ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމިޓީގައި ވާހަކަދައްކަވަމުން ޒީނިޔާ ވަނީ އާސަންދައިގެ ދަށުން ބޭސް ފޯރުކޮށްދިނުމުގައި ހުރި ގިނަ ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފައެވެ. އާސަންދައިގެ ދަށުން ބޭސް ނުލިބޭކަމުގެ ޝަކުވާ ބޮޑުވެފައިވާތީ، މިކަމާ ގުޅިގެން އެސްއޯއީ ކޮމިޓީއަށް ވަނީ ބޭހުގެ ޚިދުމަތް ދިނުމުގައި މަސައްކަތްކުރާ ދައުލަތުގެ ހުރިހާ އިދާރާއެއް ހާޒިރުކޮށްފައެވެ.
ކޮމިޓީއަށް މަޢުލޫމާތު ދެއްވަމުން ޒީނިޔާ ވިދާޅުވީ ބޭހުގެ މައްސަލައިގައި އެކި މަރުޙަލާތަކުގައި ހައްލު ނުކުރެވި ހުރި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އަދި އާސަންދަ ސްކީމުގެ ދަށުން ކުރާ ޚަރަދުގެ ބޮޑު ބައެއް ހޭދަވަނީ ބޭހަށް ކަން އޭނާ ފާހަގަކުރެއްވިއެވެ.
ޒީނިޔާ ހާމަކުރެއްވި ގޮތުގައި، އާސަންދައިގެ ދަށުން ކުރާ ޖުމްލަ ޚަރަދުގެ 60 އިންސައްތައަކީ ފާމަސީތަކަށް ކުރާ ޚަރަދެވެ. މިހާ ބޮޑު ހޭދައެއް ކުރާއިރުވެސް ރައްޔިތުންނަށް ބޭސް ލިބުމުގައި ދަތިތަކެއް ހުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕޭއަބްލްސްގެ ގާތްގަނޑަކަށް ސްކީމްގެ 60 އިންސައްތަ ހޭދަކުރަނީ ފާމަސީތަކަށް، އެހެންވީމަ މިހާބޮޑު ޚަރަދެއްކުރާއިރުވެސް ސްކީމްގެ ތެރެއިން މީހުންނަށް ބޭސްލިބުމުގައި ދަތިތައް އެބަހުރި. އެހެންވީމަ އެބަޖެހޭ ބަލަން މިވަނީ ކިހިނެތްކަން،" ޒީނިޔާ ވިދާޅުވިއެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން، އާސަންދަ ސްކީމްގެ ތެރެއިން ރައްޔިތުންނަށް އެންމެ އެދެވޭ ގޮތެއްގައި ބޭސް ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަކީ މުހިންމު ކަމެއް ކަމަށް ޒީނިޔާގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.