ޑޮލަރު އެކައުންޓްތަކާ ގުޅިފައިވާ ކާޑުތައް ބޭނުންކޮށްގެން ރީޓެއިލް ވިޔަފާރި ކުރާ ސައިޓްތަކުން މުއާމަލާތް ކުރުމުގައި ކަސްޓަމަރުންނަށް އެއްވެސް ލިމިޓެއް ކަނޑައަޅާފައި ނުވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިދާޅުވެއްޖެއެވެ.
ބޭންކުން މިކަން ހާމަކޮށްފައިވަނީ ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން މަހަކު ކުރެވޭ މުއާމަލާތްތައް ލިމިޓްކުރުމާ ގުޅިގެން އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ބީއެމްއެލް އިން ވިދާޅުވި ގޮތުގައި ޓޭމޫ އާއި ޝީއިން ފަދަ މަގުބޫލު ރީޓެއިލް ވިޔަފާރި ސައިޓްތަކުން ޑޮލަރު އެކައުންޓާ ގުޅިފައިވާ ކާޑު ބޭނުންކޮށްގެން ބޭނުންވާ އަދަދަކަށް ވިޔަފާރި ކުރެވޭނެއެވެ. އަދި މިފަދަ މުއާމަލާތްތަކަށް ބޭންކުން އެއްވެސް ހުރަހެއް ނުވަތަ ވަކި މިންވަރެއް ކަނޑައަޅާފައި ނުވާނެ ކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.
ބޭންކުން އިތުރަށް ތަފްސީލް ދެއްވަމުން ވިދާޅުވީ، ބޭންކުން މިހާރު އަޅާފައިވާ ފިޔަވަޅަކީ އެފަދަ ސައިޓްތަކުގައި ރުފިޔާ ކާޑު ބޭނުންކޮށްގެން ކުރާ މުއާމަލާތްތަކަށް ޑޮލަރު ވިއްކާ އަދަދަށް ވަކި ލިމިޓެއް ކަނޑައެޅުން އެކަނި ކަމަށެވެ. މިއީ ބޭރު ފައިސާގެ މުއާމަލާތްތައް ވަކި ހަމައެއްގެ މަތިން ކުރިއަށް ގެންދިއުމަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
މީގެ އިތުރުން، އަމިއްލަ ބޭނުންތަކަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ބައެއް ފަރާތްތަކުން އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް އޮންލައިން ސައިޓްތަކުން މުދާ ގަންނަމުންދާކަން ބޭންކަށް ފާހަގަކުރެވިފައިވާ ކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ބޭންކުން ބޭރުވާ ބޭރު ފައިސާގެ ބޮޑު ބައެއް މަދު ބައެއްގެ މައްޗަށް ބެހިގެންދާކަން ބޭންކުން ވަނީ ފާހަގަކުރައްވާފައެވެ.