ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީ 15.4 ބިލިޔަން ރުފިޔާއަށް އަރައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީ 15.4 ބިލިޔަން ރުފިޔާއަށް އަރައިފި

މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީ 15.4 ބިލިޔަން ރުފިޔާއަށް އަރާފައިވާކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %7.5 ގެ ކުރިއެރުމެކެވެ.

މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީ ހުރީ 14.3 ބިލިޔަން ރުފިޔާގައެވެ. ނަމަވެސް މިއަހަރުގެ މި މުއްދަތުގައި 15.4 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، އޭޕްރީލް މަސް ނިމުނުއިރު ދައުލަތުގެ މާލީ ހިސާބުތަކުން 1 ބިލިޔަން ރުފިޔާގެ ސާޕްލަސްއެއް ވަނީ ރެކޯޑު ކުރެވިފައެވެ.

އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 4.6 ބިލިޔަން ރުފިޔާގެ އާމްދަނީއެކެވެ. ނަމަވެސް މިއަހަރު މި އަދަދު ވަނީ 5.1 ބިލިޔަން ރުފިޔާއަށް އުފުލިފައެވެ. މިއީ %11.7 ގެ ކުރިއެރުމެކެވެ.

މީގެ އިތުރުން، 30 އޭޕްރީލްގެ ނިޔަލަށް ޖުމްލަ ޓެކްސް އާމްދަނީގެ ގޮތުގައި 12.3 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %13 ގެ އިތުރުވުމެއްކަން މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަދު އޮންލައިން