އިމާރާތްކުރުމާއި ރިއަލް އެސްޓޭޓް ދާއިރާއަށް ދޫކޮށްފައިވާ ލޯނު މިދިޔަ އަހަރު 13 އިންސައްތަ އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
އިމާރާތްކުރުމާއި ރިއަލް އެސްޓޭޓް ދާއިރާއަށް ދޫކޮށްފައިވާ ލޯނު މިދިޔަ އަހަރު 13 އިންސައްތަ އިތުރުވެއްޖެ

މިދިޔަ އަހަރު އިމާރާތްކުރުމުގެ ސިނާއަތުން ބޮޑު ކުރިއެރުމެއް ހޯދާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ. ރާއްޖޭގެ އިޤްތިޞާދުގައި ހިއްސާކުރާ މައިގަނޑު ސިނާއަތްތަކުގެ ތެރޭގައި ހިމެނޭ އިމާރާތްކުރުމުގެ ދާއިރާ ކުރިއަރާފައިވާއިރު، މާލީ އިދާރާތަކުން މި ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ އަދަދުވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން، ވިޔަފާރި ބޭންކުތަކުން އިމާރާތްކުރުމާއި ރިއަލް އެސްޓޭޓް ދާއިރާއަށް ދޫކޮށްފައިވާ ލޯނު ވަނީ މިދިޔަ އަހަރު 13 އިންސައްތަ އިތުރުވެފައެވެ. މިއީ 2024 ވަނަ އަހަރު ބޭންކުތަކުން މި ސިނާއަތަށް ދޫކޮށްފައިވާ 10 އިންސައްތައާ އަޅާބަލާއިރު އިތުރުވުމެކެވެ.

ބޭންކުތަކުން ދޫކުރި ލޯނުގެ އަދަދަށް އައި މި ކުރިއެރުމަކީ މައިގަނޑު ގޮތެއްގައި އަލަށް ތަރައްގީކުރާ ރިސޯޓުތަކަށާއި، މީހުން ދިރިއުޅޭ އިމާރާތްތަކާއި ހައުސިންގ މަޝްރޫއުތަކުގެ އިތުރުން ރިއަލް އެސްޓޭޓް ތަރައްގީކުރުމުގެ އެކި މަސައްކަތްތަކަށް ދޫކުރި ލޯނު އިތުރުވުމާ ގުޅިގެން އައި ބަދަލެއްކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަމަށް ބަލާއިރު، 2024 ވަނަ އަހަރު މި ދާއިރާގެ އުފެއްދުންތެރިކަން 1.7 އިންސައްތަ ދަށްވި ނަމަވެސް، މިދިޔަ އަހަރު ވަނީ 3.7 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. މިއީ މި ސިނާއަތް އަލުން އިއާދަވަމުންދާކަމުގެ ހެއްކެކެވެ.

މީގެ އިތުރުން، ރިއަލް އެސްޓޭޓް ދާއިރާގެ އުފެއްދުންތެރިކަން 2024 ވަނަ އަހަރު 5.3 އިންސައްތައިގެ ކުރިއެރުމެއްގައި ހުރުމަށްފަހު، 2025 ވަނަ އަހަރު ވަނީ 3.1 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާކަމަށްވެސް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަދު އޮންލައިން