އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކުގެ މާލީ ދެމެހެއްޓެނިވިކަމާއި މުއައްސަސާތަކުގެ ގާބިލުކަން ވަރުގަދަކުރުމާ ގުޅޭގޮތުން ބާއްވާ ބައިނަލްއަގުވާމީ ސެމިނާއެއް މިއަދު ފަށައިފިއެވެ. މިއީ އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން (އިސާ) އިން އިންތިޒާމުކޮށް، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބާއްވާ މުހިންމު ބައްދަލުވުމެކެވެ.
ކްރޮސްރޯޑް މޯލްޑިވްސްގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސެމިނާ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ބަނޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އެވެ. މި ރަސްމިއްޔާތުގައި އިސާގެ އިސްވެރިންނާއި، ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިންގ އޮފިސަރ މަރިޔަމް ޝިއުނާގެ އިތުރުން ކަމާގުޅޭ އެކި އިދާރާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ސެމިނާގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ އޭޝިއާ ސަރަހައްދުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުންނެވެ. މީގެ ތެރޭގައި އާބާދީ މުސްކުޅިވުމާއި، މަސައްކަތުގެ ބާޒާރަށް އަންނަ ބަދަލުތަކުގެ އިތުރުން އިގްތިސާދީ ނުތަނަވަސްކަމުގެ ސަބަބުން ކުރިމަތިވާ ހުރަސްތައް ހިމެނެއެވެ.
މި ބައްދަލުވުމުގައި ތިން ދާއިރާއަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ ނިންމާފައެވެ. އެއީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުކުރުމާއި، މަސައްކަތުގެ ބާޒާރަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުމުގެ އިތުރުން، ނިޒާމުގެ ތެރޭގައި ހިންގާ މަކަރާއި ހީލަތް ހުއްޓުވުމެވެ.
މީގެ އިތުރުން، އާބާދީ މުސްކުޅިވަމުންދާ ނިސްބަތަށް ބަލައި، އެކަމުގެ ސަބަބުން އިތުރުވާ ޚަރަދުތައް ކުޑަކުރުމަށް ގެނެވިދާނެ އިސްލާހީ ބަދަލުތަކާ ގުޅޭގޮތުންވެސް ފުޅާދާއިރާއެއްގައި ވާހަކަދެކެވޭނެއެވެ. އަދި ކުއްލި ހާލަތްތަކުގައިވެސް އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު މެދުނުކެނޑި ދެމެހެއްޓުމަށް ކުރެވިދާނެ ކަންކަމަށް މި ސެމިނާގައި އަލިއަޅުވާލާނެއެވެ.