ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާބާދީއަށް އަންނަ ބަދަލުތަކާއި، ވަޒީފާގެ ބާޒާރަށް އަންނަ ބަދަލުތަކާއި، އިގްސާދީ ނުތަނަވަސްކަމުގެ އިތުރުން ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ސަބަބުން އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބު މިހެން ވިދާޅުވީ އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން (އިސާ) ގެ ޓެކްނިކަލް ސެމިނާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ސެމިނާގައި އުޝާމް ވަނީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ހަރުދަނާކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އުޝާމް ވިދާޅުވީ، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކުގެ ފައިދާ އާއި ދެމެހެއްޓެނިވިކަން ބިނާވެފައިވަނީ ހަމައެކަނި މާލީ ތަނަވަސްކަމުގެ މައްޗަށް ނޫން ކަމަށެވެ. މިއާއެކު ވަރުގަދަ މުއައްސަސާތަކާއި، ހަރުދަނާ ގާނޫނީ އޮނިގަނޑުތަކާއި، އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ގަވަރނަންސް އޮނިގަނޑުތަކެއް ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތައް ބިނާވާންޖެހޭނީ ހަރުދަނާ ގާނޫނީ އޮނިގަނޑުތަކާއި، ކުރިމަގަށް އަމާޒުކޮށްފައިވާ ސިޔާސަތުތަކުގެ މައްޗަށް،" ބަންޑާރަނައިބު ވިދާޅުވިއެވެ.
މީގެއިތުރުން، މުއައްސަސާތަކުގެ މާލީ ދެމެހެއްޓެނިވިކަމާއި ގާބިލުކަން އިތުރުކުރުމަކީ ހަމައެކަނި އިދާރީ ނުވަތަ ޓެކްނިކަލް ކަމެއް ނޫން ކަމަށާއި، އެއީ ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ކަށަވަރުކޮށްދޭންޖެހޭ ހައްގުތަކާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އޮތް މުހިންމު ބަހާއެއް ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
ބަންޑާރަނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ގާނޫނީ ގޮތުން ވަރުގަދަ އަދި ހިންގުންތެރި މުއައްސަސާތަކަކަށް ވުމުން، ކުރިމަތިވާ އެކި ނުރައްކާތަކަށް ފައިދާހުރި ގޮތެއްގައި އިޖާބަދެވޭނެ ކަމަށެވެ.