ހދ. ނޮޅިވަރަމުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ސާރވޭގެ މަސައްކަތްތައް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.
ރަށްރަށުގެ މަގުތައް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަތޮޅުތެރޭގެ ތަރައްޤީއަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ. މިގޮތުން ނޮޅިވަރަމުގައި ކުރިއަށްގެންދާ މި މަޝްރޫޢަކީ ދައުލަތުގެ ޕީއެސްއައިޕީ (ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް) ގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އާރްޑީސީން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ޑިޒައިން އަދި ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ޓޮޕޯގްރަފިކް، ޖިއޯޓެކްނިކަލް އަދި ހައިޑްރޮލޮޖިކަލް ސާރވޭތަކުގެ މަސައްކަތްތައް ކަމަށެވެ. މި ސާރވޭތަކަކީ މަގުތައް ފަރުމާކުރުމާއި އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ އެންމެ މުހިންމު ފަންނީ މަސައްކަތްތަކެވެ.
ޖުމްލަ ސާޅީސް ނުވަ މިލިއަން ނުވަސަތޭކަ އަށްޑިހަ ހަތްހާސް ހަތްސަތޭކަ ނުވަދިހަ ހަތް (49,987,797) ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ ދަށުން ނޮޅިވަރަމުގެ ދެ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަގުތަކުގެ ދިގުމިނުގައި ޖުމްލަ 1.78 ކިލޯމީޓަރު ހުންނާނެއެވެ.
މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި، ވާރޭވެހި މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކުރުމާއި، ތާރު އެޅުމުގެ ކުރިން ކުރަންޖެހޭ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމުގެ މަސައްކަތް ހިމެނެއެވެ.
ނޮޅިވަރަމުގެ މަގުތައް ހެދުމުގެ މި ބިޔަ މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވަނީ 720 ދުވަހުގެ ތެރޭގައެވެ. މި މަޝްރޫޢު ނިމުމުން އެރަށުގެ ދަތުރުފަތުރަށާއި އިޖުތިމާޢީ މާޙައުލަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.