ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ އިތުރުން ސަރަހައްދީ ހަމަޖެހުން ޤާއިމްކުރުމާ ގުޅޭގޮތުން އޮސްޓްރޭލިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޣައްސާން މައުމޫންގެ އަރިހަށް، އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ދިފާޢީ ދާއިރާއިން ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ގިނަ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ. ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދިފާޢީ ދާއިރާގެ އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް ކުރެވިދާނެ ކަންކަމާ މެދުވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.
ބައްދަލުވުމުގައި ދިފާޢީ ވަޒީރު ވަނީ އޮސްޓްރޭލިއާ ސަރުކާރުން ރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާކުރުމަށް ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، އެ ޤައުމަށް ޝުކުރު އަދާކުރައްވާފައެވެ. ވަޒީރު އިތުރަށް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަކީ ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ސަލާމަތީ ކަންކަމަށް ފުރިހަމައަށް އިޖާބަދިނުމަށްޓަކައި ނުހަނު މުހިންމު ކަމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަޤުވާމީ ފަރާތްތަކާއެކު ދިފާޢީ ގުޅުންތައް ވަރުގަދަކުރަމުންނެވެ.