މިހާރަކަށް އައިސް ގިނައީ ތަނަވަސްކަން ނެތްނަމަ ލޯބިން އެކުގައި ދިރިއުޅެވޭކަމަސްނުވާ މީހުންނެވެ. ތަނަވަސްކަން ނެތްނަމަ ދިރިއުޅުމުން އުފާވެރިކަން ލިބޭކަމަކަށް ނުވެއެވެ. އެހެންވެ ކައިވެނި ބާއްޖަވެރިވުމުގެ ބާރަކަށް ހަދައިގެން އުޅެނީ ތަނަވަސްކަމެވެ.
މިއީ ޙަޤީޤަތެއް ނޫންކަން ތިރީގައިވާ ޢިބްރަތްތެރި ވާހަކައިން ވަރަށް ރަނގަޅަށް އެނގިލައްވާނެއެވެ. ވިސްނުންތެރިކަމާއިއެކު ވިދާޅުވެލައްވާށެވެ!
އަޅުގަނޑުމެން ދެމީހުން ކައިވެނިކުރިއިރު އަޅުގަނޑުގެ އުމުރަކީ 24 އަހަރެވެ. ފިރިމީހާގެ އުމުރަކީ 27 އަހަރެވެ. ދެމީހުންގެ ދިރިއުޅުމަކީ ވަރަށް ކާމިޔާބު ދިރިއުޅުމެކެވެ.
އެއްކޮޅުން އަހަރެމެންނަކީ ވަރަށް ނިކަމެތި ފަޤީރުންނެވެ. އަޅުގަނޑުމެންނަށް ލިބިފައި އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީވެސް އެންމެ ބޮޑު ޝަރަފަކީވެސް ހަމައެއީއެވެ. ސަބަބަކީ ދެމަފިރިންވެސް އުޅެނީ އަތުގައި އެވަގުތު ނެތް އެއްޗެއް ހޯދަން ބޭނުންވެސް ނުވާކަމަށް ހަދައިގެންނެވެ. ވީމާ އެއްވެސް ބޭނުމެއް ޙާޞީލުނުކުރެވިގެން ކަންބޮޑުވެގެން އުޅޭކަށް ނުޖެހެއެވެ.
ކޮންމެއަކަސް ކައިވެންޏަށް 5 އަހަރުވީއިރު 2 ދަރިންވެސް ވަނީ ލިބިފައެވެ. ދިރިއުޅެމުން ދިއައީ ވަރަށް އުފަލުގައެވެ. އެކަކު އަނެކަކު ދެކެ ލޯބިވުމުގައި އެންމެ ކުރިއާއި އެއްވެސް ތަފާތެއް ނެތިއެވެ. އެގޮތުގައި އުޅެމުން ދަނިކޮށް ފިރިމީހާގެ ހަށިގަނޑަށް ވަރުބަލިކަންލިބެން ފަށައިފިއެވެ. އެއީ މާބޮޑުކަމެއް ކަމަށް ނުދެކި ތިއްބައި އުނދަގޫތައް އިތުރުވާންފެށުމުން ޑޮކްޓަރަށް ދެއްކީއެވެ.
ޓެސްޓްތައް ހަދާފައި ޑޮކްޓަރު ކަރުއެލުވައިލިއެވެ. ބުނީ ލެއަށް އާދައާ ޚިލާފް ބައްޔެއް ޖެހިފައިވާ ކަމަށާއި 3 ވަނަ ސްޓޭޖް ކަމަށެވެ. ރާއްޖެއިން ބޭރުން ވީހާ އަވަހަކަށް ފަރުވާ ހޯދަން ފެންނަ ކަމަށެވެ. ޑޮކްޓަރުގެ ބަހާއިއެކު ދެމީހުންނަށްވެސް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ. ދެމީހުންނަށް އެކުއެކުގައިހެން އެދެވުނީ އަދި އެއްފަހަރު ޓެސްޓްކޮށްލައި ދިނުމަށެވެ. އެކަން ޤަބޫލުކޮށް އެއިގެ މަސްދުވަސްފަހުން އަލުން ޓެސްޓް ހެދުމުން ވެސް ދެއްކީ ހަމަ އެއްގޮތަކަށެވެ.
ކޮންމެ މީހަކަށްވެސް މުހިންމުވާނީ އެމީހެއްގެ ފުރާނައެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަކީ ރާއްޖެއިން ބޭރަށް ގޮސް ފަރުވާއެއް ހޯދޭނެ ފެންވަރުހުރި ބައެއް ނޫނެވެ. އެހެންވެ ޑޮކްޓަރު އެވާހަކަ ބުނި ދުވަހުން ފެށިގެން ރޭއަޅުކަންކުރުން އިތުރުކުރީމުއެވެ. ދުޢާކޮށް ޛިކުރުކުރުމުގައި ގިނަ ވަގުތު ހޭދަކުރީމުއެވެ. ޑޮކްޓަރު ދޭބޭސް ޤަވާއިދުން ކަމުން ގެންދިއައިމެވެ. ލިބޭވަރަކުން އެހެންފަރުވާތައްވެސް ލިބިގަންނަމުއެވެ.
ބޭސްކަމުން ގެންދާތާ 3 މަސްވުމުން ޓެސްޓް ހަދާފައިވެސް ބުނީ ހަމަ އެއްވާހަކައެއް އެއް ގޮތަކަށެވެ. ﷲ އަށް ޙަމްދުކޮށްލާފައި ގެއަށް އައީއެވެ. އެދުވަހު ޑޮކްޓަރު އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންކަމާއިމެދު ވަރަށް ގިނަ ސުވާލުތައް ކުރިއެވެ. ބޭރަށްދާން ނޫޅޭތީވެސް ސުވާލުކުރިއެވެ. އެހެންވެ ޙާލަތުވެސް ކިޔައިދިނީމެވެ.
6 މަސްވުމުން ޓެސްޓް ހަދާފައި ޑޮކްޓަރު ބުނީ ބޭރުން އިންޖެކްޝަންތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަޅުގަނޑުމެން ބުނީ އެކަން ކުރެވޭނެ ފެންވަރު ނެތް ކަމަށެވެ. ނަމަވެސް މަސައްކަތްކުރާނެ ކަމަށެވެ.
އެއިގެ ދެހަފްތާއެއްހައި ދުވަސްފަހުން ޑޮކްޓަރު އަމިއްލައަށް ގުޅާފައި ބުނީ އިންޖެކްޝަން ލިބިއްޖެކަމަށާއި ޖަހަން ތައްޔާރުވެގެން ހޮސްޕިޓަލަށް ދިއުމަށެވެ. ހޮސްޕިޓަލަށް ދިއުމުން އިންޖެކްޝަން ޖަހައިދީފައި ޑޮކްޓަރު ބުނީ ދުޢާކުރުން މަތީގައި ތިބުމަށެވެ. އަޅުގަނޑުމެން ބުނީ ފެށުނީންސުރެ މިގެންދަނީ އެކަން ކުރަމުން ކަމަށެވެ. އަދި ބަލިވުމުގެ ކުރިންވެސް އަޅުގަނޑުމެންނަކީ ރޭއަޅުކަންކޮށް ދުޢާކުރުންމަތީގައި ތިބި ބައަކު ކަމަށެވެ.
ކުރުކޮށްލާނަމެވެ. 2 އަހަރު ދުވަހު ފަރުވާކުރީމެވެ. އެހިސާބުން ޓެސްޓްތައް ހަދާފައި ބުނީ މިހާރު ބަލީގެ މާބޮޑު އަސަރެއް ނުފެންނަ ކަމަށާއި އިތުރަށް ފަރުވާ ކުރާނީ ކަންކަން ބަދަލުވާ ގޮތެއް ބެލުމަށްފަހުގައި ކަމަށެވެ. އެހެންކަމުން ކޮންމެ މަހަކުވެސް ޓެސްޓް ހަދަމުން ގެންދިއުމަށެވެ.
އެގޮތަށް 3 މަސްދުވަހު ޓެސްޓް ހަދާފައި ޑޮކްޓަރު ބުނީ 3 މަސްފަހުން ޓެސްޓްތައް ހެދުމަށެވެ. އެއިގެފަހުން 3 މަހުން 3 މަހުން އަހަރުދުވަސްވަންދެން ޓެސްޓްތައް ހަދާފައި ޑޮކްޓަރުބުނީ ދެން ޓެސްޓްތައް ހަދާނީ އަހަރުދުވަސްފަހުން ކަމަށެވެ. އަހަރު ދުވަސްފަހުން ޓެސްޓްތައް ހަދާފައި ބުނީ މިވަގުތަށް ފަރުވާ ނިމުނީ ކަމަށާއި ދެން ފަރުވާކުރާނީ އެއްވެސް ޢަލާމާތެއް ފެނިއްޖެ ނަމަ ކަމަށެވެ.
އެދުވަހު ޑޮކްޓަރު ބުނީ ފިރިމީހާއަށް ޖެހި އިންޖެކްޝަނަކީ ވަރަށް އަގުބޮޑު އެއްޗެއް ކަމަށެވެ. ނަމަވެސް ހަމަ މިބައްޔަށް އޭނާގެ ބައްޕައަށް ފަރުވާކުރަމުން ދިއަ ތަނަވަސް މީހެއްގެ ގާތުގައި ބުނުމުން އޭނާ ހަދިޔާކުރީކަމަށެވެ. އަދި އެއީ ކާކުކަން ނުބުނަން އޭނާ ބުނެފައިވާ ކަމަށެވެ.
އަޅުގަނޑުމެން ﷲ އަށް ޙަމްދުކުރީމެވެ. އެމީހާއަށްޓަކައި ހެޔޮދުޢާކުރީމުއެވެ. އަދި މިވާހަކަތައް ޝައިޚަކަށް ކިޔައިދިނީމުއެވެ. އޭނާ ވިދާޅުވީ ދުޢާކުރުމަކީ ކޮންމެ ކަމެއްވެސް ބަދަލުކުރައްވަވައިފާނެ ކަމެއް ކަމަށެވެ. އަދި ޢުމުރުވެސް ދިގުކުރައްވަވާ ކަމެއް ކަމަށެވެ.
އަދި އެއްވެސް ދެމަފިރިއަކު އެމިހުންނަށް ދެއްވަވާ މިންވަރަށް ރުހި އިޚްލާޞްތެރިކަމާއިއެކު ލޯބިން ދިރިއުޅޭނަމަ، އަދި ދެމަފިރިން އެކުގައި ދަމުނަމާދުކޮށް ދުޢާކުރަމުން ގެންދާނަމަ އެބައަކު މާޔޫސް ނުކުރައްވަވާނެ ކަމަށެވެ. އިން ޝާ ﷲ
މިއަދުނޫހުގެ ކިޔުންތެރިން ގާތުގައި ބުނާނެ ވަކި ވާހަކައެއް ނެތެވެ. މިކިޔައިދިނީ މީގެ 15 ވަރަކަށް އަހަރުކުރިން އަޅުގަނޑުމެންނަށް ކުރަންޖެހުނު ތަޖުރިބާއެކެވެ. އަދި ހަމަ އެންމެ ވާހަކައެއް އިތުރުކޮށްލާނަމެވެ. އެއިރު އަޅުގަނޑުމެން ދެމަފިރިންގެ ނިކަމެތިކަމާ ފަޤީރުކަން ހުރިމިންވަރު ވާނީ ކިޔައިދީފައެވެ. ނަމަވެސް އަހަރެމެންގެ ދިރިއުޅުމުގެ ފެންވަރުވެސްވަނީ ބަދަލުވެފައެވެ. ފިރިމީހާވަނީ ސަފާރީއެއް ބަނދެ ކުއްޔަށްދީފައެވެ. އަތުގައި މިލިއަނުން ރުފިޔާ ނެތް ނަމަވެސް އަތްމަތި ތަނަވަހެވެ. އިން ޝާ ﷲ
މިހާރު ފިރިމީހާ ވަކި މަސައްކަތެއް ނުކުރެއެވެ. އޭނާގެ މަސައްކަތަކީ ހެޔޮ ކަންކަން ކުރުމާއި ދެމީހުން އެކުގައި ވަގުތު ހޭދަކުރުމާއި މިއުމުރުގައިވެސް ފިނިބުރު ޖެހުމެވެ. ދެމީހުންވެސް އެންމެ ބޮޑަށް ސަމާލުކަންދެނީ ރޭއަޅުކަންކުރަން ކަމަށް ބުނެވިދާނެއެވެ.
- މުނީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް