ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް، އެކަމަށް ބޭނުންވާ ލިޔެކިޔުންތައް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފިއެވެ.
މި އިންތިޒާމު ހަމަޖައްސާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެފްޑީސީން ތަރައްގީކޮށްފައިވާ ފްލެޓުތަކުގައި ދިރިއުޅޭ މީހުން ރަށްވެހިކަން ބަދަލުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ. މިކަމާ ގުޅޭގޮތުން އެފްޑީސީން ވަނީ މާލެ ސިޓީ ކައުންސިލާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، "ފްލެޓު ލިބުނު މީހުންގެ ތެރެއިން އެ ފްލެޓްތަކަށް ރަށްވެހިކަން ބަދަލުކުރަން އެދޭނަމަ އެކަމަށް ބޭނުންވާ ހުރިހާ ލިޔުމެއް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ" ކަމަށެވެ.
މި ބަދަލަކީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން މަގުޗާޓާއި އެއްގޮތަށް ގެނެވުނު ބަދަލެކެވެ. މީގެ ސަބަބުން އެއްވެސް ފިޒިކަލް ޑޮކިއުމެންޓެއް ހުށަނާޅާ، އޮންލައިންކޮށް ވަން ކްލިކް މެދުވެރިކޮށް ސިޓީ ކައުންސިލަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށް ހަމްދާން ޝަކީލް އިތުރަށް ފާހަގަކުރެއްވިއެވެ.
މި އައު އިންތިޒާމުގެ ސަބަބުން ފްލެޓްތަކުގެ ވެރިފަރާތްތަކަށް ރަށްވެހިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށްވުރެ އަވަސްވެ، ލުއިފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.