އައްޑޫގެ ވިޔަފާރިވެރިންނަށް ޚާއްޞަ ފޯރަމެއް މި މަހުގެ 13 އަދި 14 ގައި ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
އައްޑޫގެ ވިޔަފާރިވެރިންނަށް ޚާއްޞަ ފޯރަމެއް މި މަހުގެ 13 އަދި 14 ގައި ބާއްވަނީ

އައްޑޫ ސިޓީގެ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އެ ސިޓީގެ ވިޔަފާރިވެރިންނަށް ޚާއްޞަ ފޯރަމެއް މި މަހުގެ 13 އަދި 14 ގައި ބޭއްވުމަށް ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިޢުލާން ކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ. ވަޒީރު ވިދާޅުވީ، 2027 އިން 2029 އަށް އައްޑޫ އަތޮޅުގައި ވިޔަފާރިކުރާ ފަރާތްތަކަށް ޚާއްޞަ ލުއިތަކެއް ދީގެން ވިޔަފާރިތައް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ.

މި އަމާޒު ހާސިލްކުުރުމަށްޓަކައި އައްޑޫ ސިޓީގެ ވިޔަފާރިވެރިންނާ ބައްދަލުކުރުމަށް ބާއްވާ މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ، ވިޔަފާރިވެރިންނަށް ހުރި ފުރުޞަތުތަކާއި، ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ އިންސެންޓިވްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ފޯރަމަކީ އައްޑޫ ސިޓީގައި ފަތުރުވެރިކަމާއި، އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން އެހެނިހެން ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެކެވެ.

"މި ބައްދަލުވުމުގައި ކަމާގުޅުންހުރި ގިނަ ވުޒާރާތަކަކުން ބައިވެރިވާނެ. އޭގެ ތެރޭގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ، ފަތުރުވެރިކަމާ ބެހޭ ވުޒާރާ އަދި މާލީ ވުޒާރާގެ އިތުރުން ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތައް ހިމެނޭ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މި ފޯރަމަކީ އައްޑޫގެ އިޤްތިޞާދީ ދުވެލި ހަލުވިކޮށް، ވިޔަފާރިވެރިންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން