މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދެމުންގެންދާ ޓެކްސީގެ ޚިދުމަތަށް ޚާއްޞަ މޯބައިލް އެޕްލިކޭޝަން ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އާންމުންނަށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި އެމްޓީސީސީގެ ޓެކްސީ ލައިން އެޕްލިކޭޝަން މިހާރު ވަނީ އެޕަލް ސްޓޯރއިން އެޕްރޫވްކޮށްފައެވެ. އަދި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެޕް ސްޓޯރއިން މި އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މިހާރު މި ޚިދުމަތް ދެމުންދަނީ ވެބް ބޭސްޑް އެޕްލިކޭޝަނެއްގެ ޒަރިއްޔާއިން ކަމަށްވީ ނަމަވެސް، މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ސީދާ ބުކިން ހެދޭނެ އިންތިޒާމު ހަމަޖެހުމުން ޚިދުމަތް ހޯދާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ސަރުކާރުން މަސައްކަތް ކުރަނީ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް. ސަރުކާރަކުން ނޫން ކޮންމެ ބައެއް ފެށިއަސް ރަނގަޅު ކުރަން ހުންނަ ކަންތައްތައް ހުންނާނެ. އެކަންތައްތައް ރަނގަޅުކުރުމުގެ މަސައްކަތްތައް މިހާރު އެކުރަމުންދަނީ ވުޒާރާއާއި އެމްޓީސީސީން ގުޅިގެން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އެޕްލިކޭޝަންގެ ޒަރިއްޔާއިން ޚިދުމަތް ދޭން ފެށުމުން މިހާރު ދިމާވާ ބައެއް ދަތިތައް ހައްލުވެ، މައްސަލަތައް މަދު "ޓްރަބަލް ފްރީ" ޚިދުމަތެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެމްޓީސީސީގެ ޓެކްސީ ޚިދުމަތަކީވެސް މި މަގްސަދުގައި ފަށާފައިވާ މުހިންމު ޚިދުމަތެކެވެ.