މިއަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 890 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
މިއަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 890 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ދާއިރާއިން ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 890 މިލިޔަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ޖުމްލަ 895.2 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 754.6 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 140.6 މިލިޔަން ރުފިޔާ ނުވަތަ 18 އިންސައްތައިގެ އިތުރުވުމެކެވެ.

ގްރީން ޓެކުހަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ މަގުސަދުގައި 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ނަގަން ފެށި ޓެކުހެކެވެ. މި ޓެކްސް ނަގަނީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ފަތުރުވެރިން އުޅޭ އުޅަނދުފަހަރަށް އަންނަ ބޭރުގެ ފަތުރުވެރިންގެ އަތުންނެވެ.

މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ރިސޯޓުތަކާއި، ސަފާރީތަކާއި، އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން ދުވާލަކަށް 12 ޑޮލަރު ގްރީން ޓެކުހުގެ ގޮތުގައި ނަގައެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުން ނަގަނީ ދުވާލަކަށް 6 ޑޮލަރެވެ.

ދައުލަތަށް ލިބޭ ގްރީން ޓެކުހުގެ އާމްދަނީ އިތުރުވެފައި މިވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިއަހަރު އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. މި ފައިސާ އާންމުކޮށް ހޭދަކުރަނީ ރަށްރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ތިމާވެއްޓާ ގުޅުންހުރި އެކި މަޝްރޫއުތަކަށެވެ.

މިއަދު އޮންލައިން