ދ. ކުޑަހުވަދޫގައި އަމިއްލަ މީހުންގެ ގޯތިތަކުގައި ގެދޮރު އިމާރާތްކުރުމުގެ ފުރުސަތުގެ ދަށުން 50 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށްޓަކައި، އެ ގޯތިތަކުގެ ބިން ސަރުކާރާ ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށައިފިއެވެ.
މި މަޝްރޫޢަކީ އަމިއްލަ ގޯތި އޮވެ، މާލީ ގޮތުން ނުކުޅެދުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ މުހިއްމު މަޝްރޫޢެކެވެ. އިމާރާތްކުރުމާ ބެހޭ ވުޒާރާއާއި ގޭބިސީތަކުގެ ވެރިންނާ ދެމެދު ބިން ހަވާލުކުރުމުގެ އެއްބަސްވުންތައް ޤާއިމުކޮށް، މިއަދުގެ ނިޔަލަށް މި މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ބެލެވެއެވެ.
ރާއްޖޭގެ 43 ރަށަކުން މި މަޝްރޫޢަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، ކުޑަހުވަދޫއަކީ އޭގެ ތެރެއިން އެއް ރަށެވެ. މި ބުރުގައި އެ ރަށުގެ އަމިއްލަ ގޯތިތަކުގައި ގެދޮރު އިމާރާތްކުރުމަށް 50 ފަރާތަކަށް ވަނީ ފުރުސަތު ލިބިފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޖާދުﷲ ވިދާޅުވީ، ކުޑަހުވަދޫއަށް ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ. ޚާއްޞަކޮށް ގޯތި އޮވެމެ، އެކި ސަބަބުތަކާ ހުރެ ގެދޮރު ބިނާނުކުރެވި ތިބި އެތައް ބަޔަކު އެ ރަށުގައި އެބަތިބި ކަމަށާއި، އޭގެ ސަބަބުން އެއްގެއެއްގެ ތެރޭގައި ގިނަ ބަޔަކު ތޮއްޖެހިގެން ދިރިއުޅެން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން ކުޑަހުވަދޫގައި އިމާރާތްކުރުމަށް ކަނޑައަޅާފައިވަނީ 900 އަކަފޫޓުގެ، 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. ކުޑަހުވަދޫ ކައުންސިލުން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ ތެރެއިން މިހާތަނަށް 26 ގެއެއްގެ އަމަލީ މަސައްކަތް ފެށިގެން މިހާރު ދަނީ ކުރިއަށެވެ.
މި މަޝްރޫޢު ނިމުމުން، ކުޑަހުވަދޫގެ ގިނަ އާއިލާތަކަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރާއި ކައުންސިލުން އުންމީދު ކުރެއެވެ.