ރާއްޖޭގައި އަލަށް ފެށި ބަންކަރިންގެ ޚިދުމަތުން މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް 923 މިލިޔަން ރުފިޔާއަށްވުރެ ގިނަ އާމްދަނީއެއް ލިބިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިކަން ހާމަކުރެއްވީ ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 30 އެޕްރީލް 2026 އާއި ހަމައަށް ބަންކަރިންގެ ޚިދުމަތުން 923.46 މިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.
"ގާތްގަނޑަކަށް 1 ބިލިޔަން ރުފިޔާއާއި ހަމައަށް އާމްދަނީ އެ އަރަނީ. ފެށުނީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު. 2 އަހަރުގެ ތެރޭގައި އަދި ބަނދަރު ނެތި މި ފެށުނު މަސައްކަތުން ގާތްގަނޑަކަށް 1 ބިލިޔަންއާއި ހަމައަށް އާމްދަނީ އިތުރުވެގެން އައީ،" ވަޒީރު ވިދާޅުވިއެވެ.
ބަންކަރިން ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ފަތުރުވެރިކަމަށް ބަރަހައްޓާ މިންވަރު ކުޑަކޮށް، ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުކުރުމަށް ފަށާފައިވާ މުހިންމު މަސައްކަތެކެވެ. 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އުތުރުގެ އިހަވަންދިއްޕޮޅުގައި ފެށި މި ޚިދުމަތަކީ އޮފްޝޯކޮށް، އެކަމަށް ޚާއްސަ ބޯޓެއް ގެނެސްގެން އެސްޓީއޯ މެދުވެރިކޮށް ދެމުންގެންދާ ޚިދުމަތެކެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ބައިނަލްއަޤްވާމީ އުޅަނދުފަހަރަށް ބޭނުންވާ ތެޔޮ ފޯރުކޮށްދީ، އޭގެ ނަފާ ދިވެހި އިޤްތިޞާދަށް ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުރިމަގުގައި މި ޚިދުމަތް އިތުރަށް ފުޅާވެގެންދާއިރު، މިއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.