ފުރަތަމަ ކުއާޓަރުގައި އެމްޓީޑީސީއަށް 19.3 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ފުރަތަމަ ކުއާޓަރުގައި އެމްޓީޑީސީއަށް 19.3 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް 1.25 މިލިޔަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 19.3 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އެކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްޓީޑީސީން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގެ ތެރޭގައި އެކުންފުންޏަށް ވަނީ ސާފު ފައިދާގެ ގޮތުގައި 178,389 ޑޮލަރު (ގާތްގަނޑަކަށް 2.7 މިލިޔަން ރުފިޔާ) ލިބިފައެވެ.

މާލީ ރިޕޯޓުގެ ތަފްސީލަށް ބަލާއިރު، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީޑީސީއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.26 މިލިޔަން ޑޮލަރެވެ. އެހެންކަމުން، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 1.25 މިލިޔަން ޑޮލަރުގެ އާމްދަނީއަކީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 0.8 އިންސައްތައިގެ ދަށްވުމެކެވެ.

އާމްދަނީއަށް އައި މި ބަދަލާއެކު، އެކުންފުނީގެ ހިންގުމުގެ ފައިދާއަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން، ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 209,869 ޑޮލަރު ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު 378,699 ޑޮލަރާ އަޅާބަލާއިރު 44.5 އިންސައްތަ ދަށް އަދަދެކެވެ.

ސާފު ފައިދާގެ ނިސްބަތަށް ބަލާއިރުވެސް، މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ލިބުނު 259,247 ޑޮލަރާ އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާ ވަނީ 31 އިންސައްތަ ދަށްވެފައެވެ.

އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ މަންފާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި ފޯރުކޮށްދިނުމުގެ މަގްސަދުގައި ސަރުކާރާއި ރައްޔިތުން ހިއްސާވާގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ. އެކުންފުނިން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަތުރުވެރިކަން ތަރައްގީކުރުމުގެ މަސައްކަތްތަކުގައި ބައިވެރިވަމުންނެވެ.

މިއަދު އޮންލައިން