23 ރަށެއްގައި އަވިން ކަރަންޓު އުފައްދާ ހައިބްރިޑް ސިސްޓަމް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
23 ރަށެއްގައި އަވިން ކަރަންޓު އުފައްދާ ހައިބްރިޑް ސިސްޓަމް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ 23 ރަށެއްގައި އިރުގެ އަވިން ކަރަންޓު އުފައްދާ ހައިބްރިޑް ސިސްޓަމްތައް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް މި ހިނގާ މެއި މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވެފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދަ ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ގޮތްގޮތަށް ހަކަތަ އުފެއްދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން ހައިބްރިޑް ސިސްޓަމްތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު އަދި ވ. އަތޮޅުގެ ރަށްތަކުގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ހަތަރު އަތޮޅުގެ 23 ރަށުގައި ޤާއިމުކުރާ ސިސްޓަމްތަކުން ޖުމްލަ 5.8 މެގަވޮޓްގެ ހަކަތަ އުފެއްދޭނެ ކަމަށެވެ. އަދި މި މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ސަރވޭތައް މިހާރު ނިމިފައިވާ ކަމަށާއި، ސިސްޓަމްތައް ޤާއިމުކުރުމަށް ބޭނުންވާ ބައެއް ސާމާނު މިހާރު ރާއްޖެ ގެނެވިފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒަކީ ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމެވެ. މި އަމާޒަށް ވާޞިލުވުމަށްޓަކައި ރާއްޖޭގެ އެކި އަތޮޅުތަކުގައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް މިހާރުވެސް ތަފާތު މަރުޙަލާލަތުގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

މި މަޝްރޫޢު ނިމުމުން، ކަރަންޓު އުފެއްދުމަށްޓަކައި އަންދާ ޑީސަލްގެ މިންވަރު ވަރަށް ބޮޑަށް މަދުވެ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަވެގެންދާނެއެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިފަދަ މަޝްރޫޢުތަކުގެ އެހީގައި ރާއްޖެއަކީ ހަކަތައިގެ ދާއިރާއިން އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޤައުމަކަށް ހެދުމަށެވެ.

މިއަދު އޮންލައިން