މީޑިއާ ވިލެޖުގެ މަސައްކަތް އަންނަ ޖޫން މަހުގެ ނިޔަލަށް ނިމޭނެ: ތަރުޖަމާނު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
މީޑިއާ ވިލެޖުގެ މަސައްކަތް އަންނަ ޖޫން މަހުގެ ނިޔަލަށް ނިމޭނެ: ތަރުޖަމާނު

ސަރުކާރުން ހުޅުމާލޭގައި ތަރައްގީކުރާ މީޑިއާ ވިލެޖުގެ މަސައްކަތްތައް އަންނަ ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ސިލްސިލާކޮށް ކުރިއަށްގެންދަވާ "ޕްރެސަރ ވިތު ދަ ސްޕޮކްސް" ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މީޑިއާ ވިލެޖް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ ރާއްޖޭގެ މީޑިއާތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

މި މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިން ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވީ، މަޝްރޫއުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ވަރަށް ހަލުވި ދުވެލީގައި ކަމަށެވެ. އެ މަސައްކަތް ކުރިން ހަވާލުކޮށްފައި އޮތް ވުޒާރާ ބަދަލުވި ނަމަވެސް، އަމަލީ މަސައްކަތަށް އެއްވެސް ބުރުލެއް އަރާފައި ނުވާކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

"އެ ބޭފުޅުން (ކަމާގުޅުންހުރި ވުޒާރާ) ދެއްވި މައުލޫމާތަކީ އިރާދަކުރެއްވިއްޔާ މިހާރު މިއޮތީ މެއި މަސް، ޖޫން މަހުގެ ނިޔަލަށް އެެއްކޮށް ނިންމޭނެ ކަމަށް. މިހާރު މަސައްކަތް ނިމުމާ ކައިރިވެފައި އޮތްކަމަށް، އެހެން ނަމަވެސް އެންމެ ލަސްވެގެންވެސް ޖޫން މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށް،" ތަރުޖަމާނު ވިދާޅުވިއެވެ.

މީޑިއާ ވިލެޖު ތަރައްގީ ކުރަމުންދަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައެވެ.

މިއަދު އޮންލައިން