ރައީސް އޮފީހަށް ހުށަހެޅި 233 އާރުޓީއައި ފޯމަކަށް ޖަވާބުދީ މައުލޫމާތު ހިއްސާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ރައީސް އޮފީހަށް ހުށަހެޅި 233 އާރުޓީއައި ފޯމަކަށް ޖަވާބުދީ މައުލޫމާތު ހިއްސާކޮށްފި

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅި 233 އާރުޓީއައި ފޯމަށް ޖަވާބުދީ، އެ މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި "ޕްރެސަރ ވިތު ދަ ސްޕޮކްސް" ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ތަރުޖަމާނު ވަނީ، ސަރުކާރުގެ އެކި މުއައްސަސާތަކާއި ވުޒާރާތަކަށް މައުލޫމާތު ހޯދުމަށް ހުށަހަޅާ އާރުޓީއައި ފޯމުތަކާ ގުޅޭ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ފާހަގަކުރެއްވި ގޮތުގައި، އާރުޓީއައި ހުށަހަޅާ ފަރާތްތަކުން ކާކުކަން ނޭނގޭ ގޮތަށް އެއް މައުލޫމާތެއް ހޯދުމަށް ތަކުރާރުކޮށް ހުށަހެޅުންތައް ލިބެމުންދެއެވެ. އަދި މައުލޫމާތު ހޯދަންޖެހޭ މުއައްސަސާ ނޫން އެހެން ތަންތަނަށްވެސް އާރުޓީއައި ފޮނުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ވަކި މަގުސަދެއް ހާސިލުކުރުމުގެ ބޭނުމުގައި ވަކި ގޮތަކަށް ސުވާލު އުފައްދައިގެން އާރުޓީއައި ހުށަހަޅާ ކަމަށާއި، މީގެ ސަބަބުން މައުލޫމާތު ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ރައީސް އޮފީހަށް ހުށަހަޅާ އާރުޓީއައިތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރައްވައި ތަރުޖަމާނު ވިދާޅުވީ، މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް 182 އާރުޓީއައި ލިބުނުއިރު، އޭގެ ތެރެއިން 170 ފޯމަށް ޖަވާބުދީފައިވާ ކަމަށެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަދާ ހަމައަށް 106 އާރުޓީއައި ލިބިފައިވާއިރު، އޭގެ ތެރެއިން 63 ފޯމަކަށް މިހާތަނަށް ޖަވާބުދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދެފުށް ފެންނަ، ހާމަކަން ބޮޑު ސިޔާސަތެއްގެ ދަށުން ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށްވެސް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވިއެވެ.

މިއަދު އޮންލައިން