ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެންގުޅޭ ނިޒާމު އިތުރަށް ހަރުދަނާކޮށްފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ. ބީއެމްއެލްއިން މިހެން ވިދާޅުވެފައިވަނީ އެ ބޭންކުން ދޫކޮށްފައިވާ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން މުއާމަލާތްކުރެވޭ ގޮތަށް މިފަހުން ގެނައި ބަދަލުތަކާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެންނެވެ.
ބޭންކުން ހާމަކުރި ގޮތުގައި، ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް މުއާމަލާތްތަކަށް ބަދަލު ގެންނަން ޖެހުނީ މެދު އިރުމަތީގެ މަސްރަހާ ގުޅިގެން ފަތުރުވެރިން ރާއްޖެ އަންނަ އަދަދު ދަށްވެ، ބޭންކަށް ލިބޭ ބޭރު ފައިސާގެ މިންވަރު މަދުވުމުންނެވެ. މިހާރުވެސް ދިވެހި ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ބޭންކުން ދުވާލަކަށް 1.33 މިލިޔަން ޑޮލަރު ވިއްކަމުންދާ ކަމަށް ބީއެމްއެލްއިން ފާހަގަކުރެއެވެ.
އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން ވިޔަފާރި ކުރުމަށް ބޭންކުން މިހާރު ވަނީ ކޮންމެ ދުވަހަކަށް ވަކި ބަޖެޓެއް ކަނޑައަޅާފައެވެ. އެ ބަޖެޓް ހަމަވުމުން އެ ދުވަހަކު ބައެއް ރީޓެއިލް ސައިޓްތަކުން ވިޔަފާރި ނުކުރެވޭނެ ކަމަށާއި، މިކަން ބީއެމްއެލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް އަންގަމުންދާނެ ކަމަށް ބޭންކުން ވިދާޅުވެއެވެ. ނަމަވެސް، ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އެއްވެސް ލިމިޓަކާ ނުލައި މުއާމަލާތް ކުރެވޭނެއެވެ.
މި ބަދަލުތަކުގެ ސަބަބުން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށާއި ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ކާޑުތަކަށް ދޫކޮށްފައިވާ ލިމިޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ބީއެމްއެލްއިން ކަށަވަރުކޮށްދެއެވެ. އަދި ބޭރުގައި ކިޔަވާ ކުދިންގެ ތެރެއިން ރާއްޖޭގައި ތިބި ބެލެނިވެރިންގެ ކާޑު ބޭނުންކުރާ ދަރިވަރުންނަށް ސްޓޫޑަންޓް ކާޑު ހެއްދުމަށް ތިން މަސްދުވަހުގެ މުހުލަތެއް ދީފައިވާނެ ކަމަށްވެސް ބޭންކުން ވިދާޅުވިއެވެ.
ބީއެމްއެލްއިން އިތުރަށް ވިދާޅުވީ، އީކޮމާސް މުއާމަލާތްތައް އިތުރުވުމަކީ ބޭންކުގެ އާމްދަނީ އިތުރުވާނެ ކަމެއް ނަމަވެސް، މި ވަގުތު ބޭރު ފައިސާ ލިބޭ މިންވަރަށް ބަލައި ޒަރޫރީ ބޭނުންތަކަށް ޑޮލަރު އިގްތިސާދު ކުރުމަށް މި ފިޔަވަޅުތައް އަޅަން މަޖުބޫރުވެފައިވާ ކަމަށެވެ. ބޭންކަށް ޑޮލަރު ލިބޭ މިންވަރަށް ބަލައި، ކުރިއަށް އޮތް ތަނުގައި ލިމިޓްތަކަށް ބަދަލު ގެންނަމުންދާނެ ކަމަށްވެސް ބޭންކުން ވަނީ ވިދާޅުވެފައެވެ.