ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން މުއާމަލާތްކުރެވޭ އުސޫލަށް ގެނައި ބަދަލާއި ސަރުކާރާއި އެއްވެސް ގުޅުމެއް ނެތްކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި "ޕްރެސަރ ވިތު ދަ ސްޕޯކްސް" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު މިކަން ހާމަކުރެއްވީ، ބީއެމްއެލްއިން ޑޮލަރު ދޫކުރުމުގެ އުސޫލަށް ބަދަލު ގެނައީ ސަރުކާރުން ބޮޑެތި ދަރަނިތަކެއް ދައްކަން ޖެހުމުގެ ސަބަބުން އިގްތިސާދަށް އަންނަ ލޮޅުންތަކަކާ ގުޅިގެން ކަމަށް ބުނެ ބައެއް ފަރާތްތަކުން ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.
މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވީ، މުޅި ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޭހާއި، ތެލުގެ އިތުރުން ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންގެ އެކި ބޭނުންތަކަށް ބޭނުންވާ ޑޮލަރު ހޯދުމަށް ދިވެހި ހުރިހާ ރައްޔިތުންވެސް ބަރޯސާވަނީ ގައުމީ ބޭންކަށް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މިފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ޑޮލަރުގެ މިންވަރު އިތުރުކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވީ، ކާޑުތަކުން ކުރެވޭ ނަހަމަ މުއާމަލާތްތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުން ފިޔަވައި، މިކަމާ ގުޅޭ އިތުރު އެހެން އެއްވެސް ނިންމެވުމެއް ސަރުކާރުން ނިންމަވާފައި ނުވާނެ ކަމަށެވެ.
ބީއެމްއެލްއިން މިހާރު ވަނީ ރުފިޔާ އެކައުންޓް ބޭނުންކޮށްގެން ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން މުއާމަލާތް ކުރުމުގައި، ބޭންކުން ދުވާލަކަށް ޑޮލަރު ވިއްކާނެ ވަކި އަދަދެއް ކަނޑައަޅާފައެވެ. މީގެ އިތުރުން، ޓީޓީ ހަދަން ބޭނުންވާ ފަރާތްތަކުން ޓީޓީ ހުށަހަޅަންޖެހޭ ވަގުތަކީ ބޭންކުގެ ރަސްމީ ގަޑި ކަމުގައިވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.
މި ބަދަލުތަކަކީ ބޭންކުގެ ހިންގުމުގެ ތެރެއިން ގެނެސްފައިވާ ބަދަލުތަކެއްކަން ފާހަގަކުރައްވައި، ތަރުޖަމާނު ވަނީ ސިޔާސީ ބޭނުމަށްޓަކައި ދޮގު ޚަބަރު ނުފެތުރުމަށް އިލްތިމާސްކުރައްވާފައެވެ.