ޢަލީ އިޙްޞާން ފިރާޤް
ކީރިތި ޤުރްއާނުގައި އެބޭކަނބަލެއްގެ ވާހަކަ ބަޔާން ކުރައްވާފައިވާ އެއްބޭކަނބަލަކީ ޒަކަރިއްޔާގެފާނުގެ އަނބިކަނބަލުންނެވެ. އެހެން ބޭކަނބަލުންނެކޭ އެއްފަދައިން އެކަމަނާގެ ވާހަކަ ޤުރްއާނުގައި ބަޔާން ކުރައްވާފައިވަނީ އިޝާރަތުގެ ގޮތުންނެވެ. ކަނޑައެޅިގެން އެކަމަނާގެ ނަންފުޅެއް ބަޔާން ކުރައްވާފައެއްނުވެއެވެ. އެގޮތުން ކީރިތި ޤުރްއާނުގެ ތިން ސޫރަތެއްގައި އެކަމަނާގެ ވާހަކަ ބަޔާން ކުރައްވާފައިވެއެވެ. އެއީ އާލު ޢިމްރާން ސޫރަތާއި، މަރްޔަމް ސޫރަތާއި، އަންބިޔާޢު ސޫރަތުގައެވެ.
الإمام القرطبي އޭނާ ލިޔުއްވި ތަފްސީރު ކަމުގައިވާ الجامع لأحكام القرآن ގައި ބަޔާން ކުރައްވާފައިވަނީ ޒަކަރިއްޔާގެފާނުގެ އަނބިކަނބަލުންގެ ނަންފުޅަކީ إيشاع بنت فاقوذا بن قبيل ކަމަށެވެ. އެކަމަނާއަކީ مريم ގެފާނުގެ މައިކަނބަލުން حنة بنت فاقوذ ގެ އުޚްތެއްކަމަށް ޠަބަރީ ރިވާ ކުރައްވާފައިވެއެވެ. އިތުރު އެހެން ރިވާޔަތެއްވެސް އެކަމަނާގެ ނަންފުޅާއި ނަސަބުފުޅާމެދު ރިވާވެގެންވެއެވެ. އެ ރިވާޔަތުގައިވަނީ ޒަކަރިއްޔާގެފާނުގެ އަނބިކަނބަލުންގެ ނަންފުޅަކީ إيشاع بنت عمران ކަމަށެވެ. އެކަމަނާއަކީ مريم ގެފާނުގެ އެއްބަނޑު އެއްބައްޕާފުޅު އުޚްތެއްކަމަށެވެ. { الجامع لأحكام القرآن ގެ 13 ވަނަ ޖިލްދުގެ 412 ވަނަ ޞަފްޙާ}
މިދެންނެވި ދެބުނުމުގެ ތެރެއިން ކުރިން ދެންނެވުނު ބުނުމަށް ތާއީދު ލިބޭ ރިވާޔަތްތަކެއް ބައެއް ފޮތްތަކުގައި ބަޔާންވެގެންވެއެވެ. އެގޮތުން އަލް ހާފިޡު އިބްނު ހަޖަރު އޭނާ ލިޔުއްވި ފަތުހުލް ބާރީގެ ހަވަނަ ޖިލްދުގެ 68 ވަނަ ޞަފްޙާގައި ވިދާޅުވެފައިވަނީ ޒަކައިއްޔާގެފާނުގެ އަނބިކަނބަލުންގެ ނަންފުޅަކީ إيشاع بنت فاقوذا بن قبيل ކަމަށެވެ. އެކަމަނާއަކީ مريم ގެފާނުގެ މައިފުށުގެ ބޮޑުދައިތާފުޅުކަމަށެވެ. ހަމައެހެންމެ އިބްނު ޖަރީރުއާއި އިބްނު އިސްޙާޤުވެސް ތަރްޖީޙު ދެއްވަނީ މިގޮތަށެވެ. {ޖާމިޢުލް ބަޔާންގެ ތިންވަނަ ޖިލްދުގެ 234 ވަނަ ޞަފްޙާ}
ކީރިތި ޤުރްއާނުގެ ޞަރީޙަ ނައުޞުން ދޭހަވާގޮތުގައި ޒަކަރިއްޔާގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން މުސްކުޅިފުޅުވެ، ބޭފުޅުން ލިބިވަޑައިނުގަންނަވާ އުމަރަށް ވަޑައިގެންނެވިއިރުވެސް ބޭފުޅަކު ލިބިވަޑައެއްނުގަންނަވައެވެ. އޭގެ ދެކަނބަލުންވެސް ހިތްޕުޅުގެ އަޑިން އެދިވަޑައިގަންނަވަމުން ގެންދެވީ ބޭފުޅަކު ލިބިވަޑައިގެންނެވުމެވެ. ޚާއްޞަކޮށް މަރްޔަމުގެފާނުގެ ކަފާލަތާއި ޒަކަރިއްޔާގެފާނު ޙަވާލުވެވަޑައިގެން އެކަމަނާގެ ފަރާތްޕުޅުން ކަރާމާތްތެރިކަން ފެނިވަޑައިގަންނަވަން ފެއްޓެވުމުން އެކަލޭގެފާނު ބޭފުޅަކަށް އެދިވަޑައިގެންނެވުމުގެ ޝައުގުވެރިކަން އިތުރުވެގެންދިޔައެވެ. މިވާހަކައަށް އިޝާރާތް ކުރައްވައި އާލު ޢިމްރާން ސޫރަތުގެ 38 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.
هُنَالِكَ دَعَا زَكَرِيَّا رَبَّهُ ۖ قَالَ رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖإِنَّكَ سَمِيعُ الدُّعَاءِ ﴿٣٨﴾
އެތާނގައި، زكريّا ގެފާނު އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ކުރައްވައި ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން دعاء އައްސަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
ޒަކަރިއްޔާގެފާނު މިދެންނެވި ޢިބާރާތުން ދުޢާފުޅު ކުރެއްވިއިރު އޭގެ ދެކަނބަލުން ތިއްބެވީ އާންމުކޮށް ދަރިންލިބޭ އުމުރަށްވުރެވެސް މާ މައްޗަށް ގޮސްފައެވެ. މުސްކުޅިފުޅުވެ ހަށިކޮޅުގެ ބާރުފުޅު ދެރެވާން ފަށާފައެވެ. އިސްތަށިފުޅުގެ އިސްތަށިކޮޅުތައް މުޅިން ހުދުވެފައެވެ. ޒަކަރިއްޔާގެފާނުގެ ދުޢާފުޅުގައި އެކަލޭގެފާނު މިދެންނެވި ވާހަކަފުޅުވެސް ބަޔާން ކުރައްވާފައިވެއެވެ. އެކަލޭގެފާނު ދުޢާގައި ވިދާޅުވި ބަސްފުޅު ޙިކާޔަތުގެ ގޮތުން މަރްޔަމް ސޫރަތުގެ ހަތަރުވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވަނީ މިދަންނަވާ ފަދައިންނެވެ.
قَالَ رَبِّ إِنِّي وَهَنَ الْعَظْمُ مِنِّي وَاشْتَعَلَ الرَّأْسُ شَيْبًا وَلَمْ أَكُن بِدُعَائِكَ رَبِّ شَقِيًّا ﴿٤﴾
މާނައީ: އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ކަށިތައް ބަލިވެ ނިކަމެތިވެއްޖެއެވެ. އަދި ބޮލުގެ އިސްތަށިތައްވެސް އެކަށް ނުރަވެއްޖެއެވެ. އަޅުގެ ވެރިރަސްކަލާކޮ! މިއަޅާ އިބަރަސްކަލާނގެއަށް ކޮށްފި دعاء އަކުން، މިއަޅާ އަބާއްޖަވެރިޔަކު ކަމުގައި ނުވަމެވެ.
ކީރިތި ޤުރްއާނުގެ އާޔަތްތައްކުން ދޭހަވާ ގޮތުގައި ޒަކަރިއްޔާގެފާނުގެ އަނބިކަނބަލުންނަކީ عاقر ބޭކަނބަލެކެވެ. ދަރިމައިނުވާ ބޭކަނބަލެކެވެ. ހަމައެއާއެކު އޭރު އޭގެ ދެކަނބަލުންވަނީ މުސްކުޅިފުޅުކަމުގެ ނިހާޔަތަށް ފޯރާފައެވެ. ނަމަވެސް އޭގެ ދެކަނބަލުން މާތްﷲ ގެ ރަޙްމަތްވަންތަކަމާމެދު ނާއުއްމީދު ވެވަޑައެއްނުގަންނަވައެވެ. ކޮންމެކަމަކަށްވެސް ކުޅަދުންވަންތަ ފަރާތަކީ އަރަހުށި ހުސްޠާހިރުވަންތަ މާތްﷲ ކަން ހިތްޕުޅުގެ އަޑިން ޤަބޫލުފުޅު ކުރައްވައެވެ. ނަތީޖާއެއްގެ ގޮތުން ދެކަނބަލުންގެ ދުޢާފުޅު މާތްﷲ އިޖާބަކުރެއްވިއެވެ. އެދެކަނބަލުންނަށް ޔަޙްޔާގެފާނު ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރިކަމުގެ ޚަބަރު ދެއްވިއެވެ. މިވާހަކައަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ އަންބިޔާޢު ސޫރަތުގެ 90 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވަނީ މިދަންނަވާ ފަދައިންނެވެ.
فَاسْتَجَبْنَا لَهُ وَوَهَبْنَا لَهُ يَحْيَىٰ وَأَصْلَحْنَا لَهُ زَوْجَهُ ۚ إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ﴿٩٠﴾
މާނައީ: ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވީމެވެ. އަދި އެކަލޭގެފާނަށް يحيى ގެފާނު ދެއްވީމެވެ. އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަނބިކަނބަލުން (ދަރިމައިވާގޮތަށް) ރަނގަޅުކޮށްދެއްވީމެވެ. ހަމަކަށަވަރުން، އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ، އަދި ތިމަންރަސްކަލާނގެއަށް އެދުމާއި، ބިރުވެތިކަމާއެކު، دعاء ކުރައްވާ ކަމުގައިވިއެވެ. އަދި ތިމަންރަސްކަލާނގެއަށް މަޑުމައިތިރިވާ ބަޔަކުކަމުގައި އެބޭކަލުންވޫއެވެ.
ކޮންމެއަކަސް ޒަކަރިއްޔާގެފާނަށާއި އެކަލޭގެފާނުގެ އަނބިކަނބަލުންނަށް އުމުރުފުޅުން ދުވަސްފުޅުވި ދުވަހު ބޭފުޅަކު ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރިކަމުގެ ޚަބަރު ލިބިވަޑައިގެންނެވުމުން އެކަލޭގެފާނު އެކަމާ ވަރަށް ޙައިރާވެވަޑައިގެންނެވިއެވެ. އެހެނީ އޭރު އެދެކަނބަލުން ތިއްބެވީ ބޭފުޅުން ލިބޭ އުމުރުފުޅަށްވުރެ މައްޗަށް ވަޑައިގެންފައެވެ. تفسير الجلالين ގައި ވާގޮތުން އޭރު ޒަކަރިއްޔާގެފާނުގެ އުމުރުފުޅުން 120 އަހަރުފުޅުވެއްޖެއެވެ. އަދި އެކަލޭގެފާނުގެ އަނބިކަނބަލުންގެ އުމުރުފުޅުން 98 އަހަރުފުޅުވެއްޖެއެވެ. {ތަފްސީރުލް ޖަލާލައިނީގެ އާލުޢިމްރާން ސޫރަތުގެ 40 ވަނަ އާޔަތުގެ ތަފްސީރު}
އެހެންކަމުން ޒަކަރިއްޔާގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުން އާލާސްވެއިންނެވިކަމުގެ ދަލީލެއް ދެއްކެވުމަށް މާތްﷲ ގެ ޙަޟްރަތުގައި އެދިވަޑައިގެންނެވިއެވެ. އެގޮތުން އެކަލޭގެފާނުގެ އަނބިކަނބަލުން އާލާސްވެއިންނެވި ކަމުގެ ދަލީލެއްގެ ގޮތުން ތިންދުވަސްވަންދެން އެކަލޭގެފާނަށް ވާހަކަފުޅު ނުދެއްކެވޭނެ ގޮތް މާތް ﷲ މެދުވެރިކުރެއްވިއެވެ. މިކަމަށް އިޝާރާތް ކުރައްވައި އާލު ޢިމްރާން ސޫރަތުގެ 41 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިދަންނަވާ ފަދައިންނެވެ.
قَالَ رَبِّ اجْعَل لِّي آيَةً ۖ قَالَ آيَتُكَ أَلَّا تُكَلِّمَ النَّاسَ ثَلَاثَةَ أَيَّامٍ إِلَّا رَمْزًا ۗ وَاذْكُر رَّبَّكَ كَثِيرًا وَسَبِّحْ بِالْعَشِيِّ وَالْإِبْكَارِ ﴿٤١﴾
މާނައީ: އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! (އެކަމަށް إشارة ކުރާ) علامة އެއް މިއަޅާޔަށް ލައްވާނދޭވެ! އެކަލާނގެ وحى ކުރެއްވިއެވެ. (އެކަމުގައި) ކަލޭގެފާނުގެ علامة އަކީ، ތިންދުވަސްވާންދެން، ކަލޭގެފާނަށް إشارة ން މެނުވީ މީހުންނާ ވާހަކަ ނުދެއްކެވި ހުންނެވުމެވެ. އަދި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގިނަގިނައިން ހަނދުމަކުރައްވާށެވެ! އަދި، ހަވީރާއި ހެނދުނު، تسبيح ވިދާޅުވާށެވެ!
އޭގެ ދުވަސްކޮޅެއްފަހުން ޒަކަރިއްޔާގެފާނަށާއި އެކަލޭގެފާނުގެ އަނބިކަބަލުން އަށް ހެޔޮ ޚަބަރު ލިބިވަޑައިގެންނެވި ޔަޙްޔާގެފާނު ލިބިވަޑައިގެންފިއެވެ. އެކަލޭގެފާނުވެވަޑައިގެންނެވީ ވަރަށް އަޚްލާޤު ރަނގަޅު ބޭފުޅަކަށެވެ. ޚުލުޤު ރީތި ބޭފުޅަކަށެވެ. ދީނުގެ ކަންތައްތައް ފުރިހަމައަށް އަދާ ކުރައްވަމުން ގެންދަވާ ޞާލިޙުބޭކަލަކަށެވެ. ޚާއްޞަ ގޮތެއްގައި އެކަލޭގެފާނު ފާހަގަ ކުރެވިފައިވަނީ އެކަލޭގެފާނުގެ މަންމާފުޅަށާއި، ބައްޕާފުޅު ޒަކަރިއްޔާގެފާނަށް ނުހަނު އިހްތިރާމު އަދާ ކުރެއްވި ބޭކަލަކަށެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތްތެވުމުގެ ނަމޫނާ މިސާލު ދެއްކެވި ބޭފުޅަކަށެވެ. މިދެންނެވި ކަންތައްތައްކަށް އިޝާރާތް ކުރައްވައި މަރްޔަމް ސޫރަތުގެ 12 ވަނަ އާޔަތުން ފެށިގެން 14 ވަނަ އާޔަތުގެ ނިޔަލަށް މާތްﷲ ވަޙީ ކުރައްވާފައިވަނީ މިދަންނަވާ ފަދައިންނެވެ.
يَا يَحْيَىٰ خُذِ الْكِتَابَ بِقُوَّةٍ ۖ وَآتَيْنَاهُ الْحُكْمَ صَبِيًّا ﴿١٢﴾ وَحَنَانًا مِّن لَّدُنَّا وَزَكَاةً ۖ وَكَانَ تَقِيًّا ﴿١٣﴾ وَبَرًّا بِوَالِدَيْهِ وَلَمْ يَكُن جَبَّارًا عَصِيًّا ﴿١٤﴾
މާނައީ: "އޭ يحيى ގެފާނެވެ! ކަލޭގެފާނު ފޮތުގައި ބާރަށް ހިފަހައްޓަވާށެވެ! ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް ތުއްޕުޅުއިރު حكمة ދެއްވީމެވެ.އަދި ތިމަންރަސްކަލާނގެ حضرة ން އޯގާވެރިކަމާއި، طاهر ކަން އެކަލޭގެފާނަށް ދެއްވީމެވެ. އަދި އެކަލޭގެފާނު تقوى ވެރިޔަކު ކަމުގައިވިއެވެ.އަދި އެކަލޭގެފާނުގެ މައިބަފައިކަލުންނަށް ހެޔޮކޮށް ހިއްތަވާ ބޭކަލަކު ކަމުގައިވިއެވެ. އަދި ނުކިޔަމަންތެރި، جبّار އަކު ކަމުގައި އެކަލޭގެފާނު ނުވެއެވެ."
ކީރިތި ޤުރްއާނުގެ އަންބިޔާޢު ސޫރަތުގެ 90 ވަނަ އާޔަތުން ދަލީލު ލިބޭގޮތުގައި ޒަކަރިއްޔާގެފާނާއި އެކަލޭގެފާނުގެ އަނިބިކަނބަލުންނާއި، ދަރިކަލުން ޔަޙްޔާގެފާނަކީ ވަރަށް ޚާއްޞަ ތިން ސިފައިން ސިފަލިބިވަޑައިގެން ތިއްބެވި ތިންމައިންނެވެ. އެގޮތުން އެބޭކަލުންވެވަޑައިގެންފައިވަނީ ހެޔޮކަންތަކަށް އަވަސްވެ، މާތްﷲ އަށް އެދުމާއި، ބިރުވެތިކަމާއެކު، دعاء ކުރައްވާ ބޭފުޅުންކަމުގައެވެ. އެކަލާނގެއަށް މަޑުމައިތިރިވާ ބަޔަކުކަމުގައެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވަނީ މިދަންނަވާ ފަދައިންނެވެ.
فَاسْتَجَبْنَا لَهُ وَوَهَبْنَا لَهُ يَحْيَىٰ وَأَصْلَحْنَا لَهُ زَوْجَهُ ۚ إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ ﴿٩٠﴾
މާނައީ: "ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވީމެވެ. އަދި އެކަލޭގެފާނަށް يحيى ގެފާނު ދެއްވީމެވެ. އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަނބިކަނބަލުން (ދަރިމައިވާގޮތަށް) ރަނގަޅުކޮށްދެއްވީމެވެ. ހަމަކަށަވަރުން، އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ، އަދި ތިމަންރަސްކަލާނގެއަށް އެދުމާއި، ބިރުވެތިކަމާއެކު، دعاء ކުރައްވާ ކަމުގައިވިއެވެ. އަދި ތިމަންރަސްކަލާނގެއަށް މަޑުމައިތިރިވާ ބަޔަކުކަމުގައި އެބޭކަލުންވޫއެވެ."
زكريّا ގެފާނުގެ އަނބިކަނބަލުން إيشاع ގެ ޙަޔާތްޕުޅާ ގުޅޭގޮތުން އިތުރު މައުލޫމާތެއް އިސްލާމީ މަސްދަރުތަކުން ފިލާކަށް ނުހުރެއެވެ. އަރަހުށި މާތްﷲ އެކަމަނާއަށް ރުއްސުން ލައްވާށިއެވެ.!