ސަރުކާރުގެ ހުރިހާ ފާމަސީއެއްގެ ބޭހުގެ ސްޓޮކް ވަގުތުން ބެލޭނެ ޑިޖިޓަލް ނިޒާމެއް މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ޤާއިމުކުރެވޭނެ ކަމަށް ދައުލަތުގެ ބޭސް ކުންފުނިން ހާމަކޮށްފިއެވެ. މި ނިޒާމު ޤާއިމުކުރެވުމާއެކު ރާއްޖޭގައި ބޭސް މެނޭޖްކުރުމަށް ބޮޑު އަދި ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
ރައްޔިތުންނަށް ބޭނުންވާ ބޭސް ދެމެހެއްޓެނިވި ގޮތެއްގައި ނުލިބޭ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ވަނީ ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކެއް ހާޒިރުކޮށް މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި ބައިވެރިވި އިދާރާތަކުން ވަނީ ބޭސް ލިބުމުގައި ހުރި ގޮންޖެހުންތަކާއި، ވަކިވަކި މުއައްސަސާތަކަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ކޮމިޓީއާ ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ހުރިހާ އިދާރާތަކުންވެސް އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރީ، ބޭހުގެ ސްޓޮކް މަރުކަޒީކޮށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ނެތުމެވެ. އެސްޓީއޯއިން އެތެރެކުރާ ބޭހުގެ ސްޓޮކް އެ ކުންފުނީގެ ފާމަސީތަކުން ބަލަހައްޓަމުން ދިޔަ ނަމަވެސް، ބޭސް ސިޓީ ލިޔެދެއްވާ ޑޮކްޓަރުންނަށް އެ ސްޓޮކްގެ މަޢުލޫމާތު ފެންނާނެ ގޮތެއް މިހާރު ނެތެވެ. މީގެ އިތުރުން، އާސަންދައިގެ ދަށުން އެމްޕެނަލް ކުރެވިފައިވާ އަމިއްލަ ފާމަސީތަކުގައި ހުރި ބޭހުގެ ސްޓޮކްވެސް ވަގުތުން ބެލޭނެ ނިޒާމެއް ނެތްކަން އާސަންދަ ކުންފުނިން ވަނީ ފާހަގަކުރައްވާފައެވެ.
މި މައްސަލައަށް ހައްލެއް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވީ، އަންނަ ޖުލައި މަހުގެ ތެރޭގައި އެސްޓީއޯގެ ހުރިހާ ފާމަސީއެއް ސްޓޭޓް ފާމަސޫޓިކަލްގެ ދަށަށް ބަދަލުކުރެވޭނެ ކަމަށެވެ. އަދި އޮކްޓޯބަރު މަހުގެ ނިޔަލަށް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ބޭހުގެ ސްޓޮކް ބެލޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އައު ނިޒާމާއެކު، ބޭހުގެ ސްޓޮކް ހުސްވުމުގެ ކުރިން އެކަން ދެނެގަނެވި، ރައްޔިތުންނަށް ބޭނުންވާ ބޭސް މެދުނުކެނޑި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެކެވެ.