ނައްތާލާ ނޫޓުތައް ބޭނުންކޮށްގެން އުފެއްދުންތައް ތައްޔާރުކުރާ ކުރެހުމުގެ މުބާރާތަކާއި ސުވެނިއަރ ފަރުމާ ކުރުމުގެ މުބާރާތެއް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިފްތިތާޙްކޮށްފިއެވެ. "ކްރާފްޓެޑް ބައި ކަރަންސީ - ޝްރެޑެޑް ނޯޓްސް ރީއިމޭޖިންގް" ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތްތަކަކީ އުކާލެވޭ ނޫޓުތަކުގެ މާއްދާތައް، ފަންނުވެރިކަމާއި ޑިޒައިންގެ ތެރެއިން އާ ބޭނުމަކަށް ބަދަލުކުރުމަށް ހުޅުވާލި ފުރުޞަތެކެވެ.
މި މުބާރާތްތަކުގައި ބޭނުން ކުރާނީ ބޭނުން ނުކުރާ، ކުދިކޮށް ކޮށާފައިވާ ޕޮލިމަރ ބޭންކް ނޫޓުތަކެވެ. އެމްއެމްއޭއިން ވިދާޅުވި ގޮތުގައި މިއީ މަރުކަޒީ ބޭންކުގެ ދެމެހެއްޓެނިވި ތަރައްޤީއާއި ރީސައިކަލް ކުރުމުގެ އިސްނެގުމުގެ ދަށުން، އީޖާދީ އަދި މާނަވީ އުފެއްދުންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
މިފަހަރުގެ މުބާރާތް ބެހިފައިވަނީ މައިގަނޑު ދެ ގިންތިއަކަށެވެ. އެއީ "ސުވެނިއަރ ޑިޒައިން އެންޑް ޕްރޮޑަކްޝަން" މުބާރާތާއި "އާޓްވޯކް" މުބާރާތެވެ. ސުވެނިއަރ މުބާރާތަކީ ކުދިކޮށް ކޮށާފައިވާ ނޫޓު ބޭނުންކޮށްގެން، ރަސްމީ ހަނދާނީ ހަދިޔާގެ ގޮތުގައި ގިނަ އަދަދަކަށް އުފެއްދިދާނެ ތަކެއްޗަށް ޚާއްޞަ މުބާރާތެކެވެ. އާޓްވޯކް މުބާރާތް ޚާއްޞަކޮށްފައިވަނީ ކޮށާފައިވާ ނޫޓުތައް މައިގަނޑު މާއްދާއެއްގެ ގޮތުގައި ބޭނުންކޮށްގެން ތައްޔާރުކުރާ ފަންނީ އުފެއްދުންތަކަށެވެ.
މި މުބާރާތުގައި އަމިއްލަ ފަރުދުންނަށާއި، ޓީމުތަކާއި، ފަންނުވެރިންނާއި، ޑިޒައިނަރުންގެ އިތުރުން ވިޔަފާރިތަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ބައިވެރިންނަށް ކޮންމެސް އެއް މުބާރާތަކަށް ނުވަތަ ދެ މުބާރާތުގައިވެސް ބައިވެރިވެވިދާނެއެވެ. މުބާރާތުން ޝޯޓްލިސްޓްކުރެވޭ ހުރިހާ އުފެއްދުންތަކެއް "ފައިނޭންޝަލް އެކްސްޕޯ 2026" ގައި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މި ދެ މުބާރާތުގެ ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ފައިސާގެ ބޮޑެތި އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އާޓްވޯކް މުބާރާތުގެ އެއްވަނައަށް 15,000 ރުފިޔާ، ދެވަނައަށް 10,000 ރުފިޔާ އަދި ތިންވަނައަށް 5,000 ރުފިޔާ ވަނީ ހުށަހަޅާފައެވެ. ސުވެނިއަރ ޑިޒައިން މުބާރާތުގެ އެއްވަނައަށް 10,000 ރުފިޔާ، ދެވަނައަށް 5,000 ރުފިޔާ އަދި ތިންވަނައަށް 3,000 ރުފިޔާ ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން، ސުވެނިއަރ މުބާރާތުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް މަރުކަޒީ ބޭންކަށް ބޭނުންވާ ސުވެނިއަރތައް އުފެއްދުމުގެ ފުރުޞަތު ވަކި އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ ފުރުޞަތު ލިބޭނެއެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޕްރޮޕޯސަލްތަކާއި އެޕްލިކޭޝަން ފޯމުތައް 14 މެއި 2026 ނިޔަލަށް [email protected] އަށް އީމެއިލް ކުރަންޖެހެއެވެ.