ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް ބޭރުގެ މާހިރުންނާ ހަވާލުކުރުމުގެ ފަހުގެ މަރުހަލާގައި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތް ބޭރުގެ މާހިރުންނާ ހަވާލުކުރުމުގެ ފަހުގެ މަރުހަލާގައި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް ބުނާ މައްސަލަ ބޭރުގެ ގާނޫނީ މާހިރުންނާ ހަވާލުކުރުމުގެ ފަހުގެ މަރުހަލާތައް ފަށާފައިވާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ، މި މައްސަލަ ދިރާސާކުރި ހާއްސަ ޓީމުގެ ރިކޮމެންޑޭޝަންތަކާ އެއްގޮތަށް ކުރިއަށް ދިއުމަށް ވަޒީރުންގެ މަޖިލީހުން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މި މަސައްކަތް ހަވާލުކުރެވޭ ބޭރުގެ ގާނޫނީ މާހިރުންގެ ތަފްސީލުތައް އާންމުކޮށް ހާމަކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމާ ގުޅިގެން އުފެދިފައިވާ މައްސަލައެކެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވާ ގޮތުގައި، އިޓްލޮސްގައި ރާއްޖެއަށް ގެއްލުންވާ ގޮތަށް މައްސަލަ ނިމުނީ ކުރީގެ ރައީސް ސޯލިހު އަމަލުކުރެއްވި ގޮތުގެ ސަބަބުންނެވެ. ވަކިން ހާއްސަކޮށް، ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅުނު ސްޓޭންޑް ބަދަލުކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުވުމުގައި ސިއްރު "ޑީލްތަކެއް" ވާކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.

ގެއްލުނު ކަމަށް ބުނާ ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މި ވައުދު ފުއްދުމަށްޓަކައި ބަންޑާރަ ނައިބުގެ އޮފީހުން ދަނީ ހާއްސަ ރިޕޯޓުތަކެއް އެކުލަވާލައި، ގާނޫނީ ގޮތުން ކުރެވެން ހުރި މަސައްކަތްތައް ދެނެގަންނަމުންނެވެ.

ސަރުކާރުން މިހާރު ނިންމާފައިވަނީ ބޭރުގެ މާހިރުންގެ އެހީތެރިކަމާއެކު މި މައްސަލަ އިލްޓޮސްގައި އަލުން މުރާޖައާ ކުރުމަށް ނުވަތަ ރާއްޖެއަށް ގެއްލުނު ބައި ހޯދުމަށް ގާނޫނީ މަސައްކަތްތައް ވަރުގަދަކުރުމަށެވެ. މި މަސައްކަތުގެ ތަފްސީލީ މަގުޗާޓެއް ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސަރުކާރުން ހާމަކުރާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން